ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ދިފާއުވުމަށް އެއްވެސް އިރަކު ދެ ވަކީލުންނާއެކު ވަޑައިގަންނަވަން އެދިވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން މިހެން ބުނީ، މިއަދު އަދަދު ނޫހުގައި ''ވަކީލުންގެ ޓީމެއް މެދުވެރިކޮށް ދިފާއުވުމަށް ރިފްއަތަށް ފުރުސަތެއް ނުދިން'' ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ހަބަރުގައ،ި ''ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގެ ތެރެއިން ވަކީލުންގެ ޓީމެއްގެ އެހީއާއެކު ދިފާއުވުމުގެ ފުރުސަތު ދޭން މަޖިލީހުގެ އިދާރާއިން ދެކޮޅު ހަދައިފި ކަމަށް ބަޔާންކޮށްފައި ވާ ހަބަރާ ގުޅިގެންނެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަލްސާގެ ތެރެއިން

އެ އިދާރާއިން ބުނީ، ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުނ،ް މިދިޔަ މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ސޮއިކުރައްވައި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން އެ މައްސަލައިގެ ނޯޓިސް މެއި 16 ގައި ރިފްއަތަށް ވަނީ ފޮނުވާފައި ކަމަށެވެ. އެ މައްސަލައާ މެދު ކުރެވޭ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުގައި މަސައްކަތް ކުރެއްވުމުގެ ހައްގު ލިބިގެންވާކަން ބަޔާންކޮށްފައިވާއިރު، އެ މައްސަލައިގެ ބަހުސްގައި ހާޒިރުވެވަޑައިގެން ވާހަކަދެއްކެވުމުގެ ބަދަލުގައި ލިޔުމުން ދިފާއު ހުށަހެޅުއްވުމަށް ނިންމަވައި ރިފްއަތު ވަނީ މެއި 31ގައި ހުށަހަޅުއްވާފައި ކަމަށް މަޖިލީހުން ބުނެއެވެ.

ނަމަވެސް އެ މައްސަލައިގެ ބަހުސް އޮންނަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން އެ ބަހުސްގައި އަނގަބަހުން ދިފާއުވުމަށް ގަސްދު ކުރައްވާކަމަށް ބަޔާންކުރައްވައި ޖޫން 4 ވަނަ ދުވަހު ސިޓީއެއް ފިނުވި ކަމަށާއި އެ ރިފްއަތާ އެކު 3 ބޭފުޅުންނަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައި ކަމަށް އެ އިދާރައިން ބުނެއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގައ،ި މަޖިލިސް ކުރާ މާލަމަށް ވަނުމަށް ހުއްދަ ލިބިގެންވާ މީހުންގެ ތެރޭގައި "މަޖިލީހުގެ ޖަލްސާއެއްގައި ހިނގާ ކަމަކާ ގުޅޭގޮތުން، ހުއްދަ ލިބިގެން އަންނަ، ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ އާ އޭނާއަށް އެހީތެރިވެދިނުމަށް އަންނަ އޭނާގެ 2 މުވައްޒަފުން" ހިމެނޭ ކަމަށް ބަޔާންކޮށްފައި ވާތީ ރިފްއަތުގެ އަރިހުގައި މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭނީ 2 ބޭފުޅުންނަށް ކަން ވާނީ އަންގާފައި ކަމަށް މަޖިލީހުން ބުނެއެވެ.

އެގޮތުން މެއި 31 ގައި މަޖިލީހުގައި ބޭއްވި ޖަލްސާގައި އެ މައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސްފައި ނުވާތީ އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ކަމަށް އެ އިދާރައިން ބުނެއެވެ. އަދި މިއަދުގެ ޖަލްސާއަށް ރިފްއަތުގެ އަރިހުގައި 2 ބޭފުޅުންނަށް ހާޒިރުވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައި ކަމަށާއި އެ ދެ ބޭފުޅުން ޖަލްސާއަށް ހާޒިރުވި ކަމަށް ވެސް މަޖިލިސް އިދާރާއިން ބުނެއެވެ. އެއްވެސް އިރެއްގައި އެ މައްސަލައިގެ ބަހުސްގައި ރިފްއަތު ދިފާއުވުމަށް ބޭނުންވެވަޑައިގަތީ ވަކީލުން މެދުވެރިކުރައްވައިގެންކަން އަންގަވާފައި ނުވާކަމަށް އެ އިދާރާއިން ބުނެއެވެ.