ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަތީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެން ފަސިންޖަރަކާއި މެދު ޝައްކު ކުރެވިގެން އޭނާއާ ސުވާލުކޮށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން އޭނާގެ އަތުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސުން ބުނީ، އެ ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަސްޓަމްސް އިން ވަނީ އެ ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންއަންނައިރު މީގެ ކުރިން ވެސް އެތައް ފަހަރަކު ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި ފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.