އުފަންވީން ސުރެ ސިކުނޑީގައި ފެނަށް ވުރެ ލޭ ގިނަ ވުމުގެ ސަބަބުން ބޯ އާދަޔާ ހިލާފަށް ބޮޑުވަމުން އަންނަ ޔޫސުފް ހާމިދު މުހައްމަދަކީ "ކޮންޖެނިޓަލް ހައިޑްރޯސިފަލުސް" ތަހައްމަލް ކުރަމުން އަންނަ ކުއްޖެކެވެ. އުފަންވާ ކޮންމެ 90،000 ކުއްޖަކުން އެއް ކުއްޖަކަށް ދިމާވުމުގެ ފުރުސަތު އޮންނަ މި ބައްޔަކީ، ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ސިކުނޑީގައި މާ ގިނައިން ފެން ހެދި ކުއްޖާގެ ބޯ އާދަޔާ ހިލާފަށް ބޮޑުވާ ބައްޔެކެވެ.

ޔޫސުފް ވަނީ މީގެ ކުރިން އޭނާގެ ބޮލުގެ 7 އޮޕްރޭޝަން ކޮށް 8 ވަނަ އޮޕަރޭޝަން ކުރަން ދިއުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މާލީ ގޮތުން އެތައް ހުރަސްތަކަކާ ކުރިމަތިލަމުން އަންނަ އެ އާއިލާއަށް މާލީ ބުރަތަކުން އަރައިނުގަނެވި އުޅެން ޖެހުމުން އާންމުންގެ ފަރާތުން އެހީ ހޯދަން މަޖުބޫރުވެގެން މިދިޔަ 2021 ވަނަ އަހަރު ފަހު ކޮޅުން ފެސިގެން އެ އާއިލާއިން އައި އެހީ ހޯދުމަށް އެތައް މަސައްކަތް ތަކެއް ކުރަމުންނެވެ.

ހާމިދު މުހައްމަދާއި އާޝިދާގެ ކުޑަ އާއިލާ
"އަލްހަމްދުލިﷲ. ވަރަށް ބޮޑުތަން ރަނގަޅޭ ބުނެވޭނީ އެ ސާޖަރީއަށް ފަހު. އޭގެ ފަހުން ޔޫސުފްގެ ބޯ ބޮޑެއް ނުވޭ. އެކަމަކު ދާދިފަހަކުން ޔޫސުފް ވަރަށް ބޮޑަށް ބަލިވެގެން ކުޑަކޮށް ބޮޑުވެފަ މިހާރު ހުރީ. ޔޫސުފް މިހާރު ތެދުވެ އުޅޭ. ތަންތަނާ ހިފަހައްޓައިގެން ހިންގަންވެސް މަސައްކަތް ކުރޭ. އެކަމަކު ބިންމައްޗަށް ފޭބީމަ ބިރުގަނޭ."
ޔޫސުފްގެ ބައްޕަ ހާމިދު

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޔޫސުފްގެ ބައްޕަ ޅ. ނައިފަރަށް އުފަން ހާމިދު މުހައްމަދު ބުނީ މީގެ 9 ވަރަކަށް މަސް ކުރިން އިންޑިއާއަށް ގޮސް ވަނީ 8 ވަނަ ސާޖަރީ ހަދާފައި ކަމަށެވެ. އެ ސާޖަރީ ހެދި އިރު ވެސް ޔޫސުފްގެ ބޮލަށް ރާއްޖެއިން ކުރި އޮޕަރޭޝަންގައި ލެއްވި ސްޓަންޓެއް އިން ކަމަށާއި އެ އިނީ ބްލޮކް ވެފައި ކަމަށް ހާމިދު ވިދާޅުވިއެވެ. އެހެންކަމުން ބޮލުގެ ދެ ދިމާލަކުން އޮޕަރޭޝަން ނުކޮށް އެ ފަހަރު ޑޮކްޓަރު އޮޕަރޭޝަން ކޮށް ރާއްޖެއަށް އަނބުރާ އެ އާއިލާ ފޮނުވާލީ ތިން މަސް ފަހު ފޮލޯއަޕަށް ދައްކަން ދިއުމަށް އެދިއެވެ. ނަމަވެސް އެ އޮޕަރޭޝަން ކުރިތާ 9 މަސްވީ އިރުވެސް މާލީ ހާލަތު ދަތިކަމުން އަދި އެ އާއިލާއަށް ރާއްޖެއިން ބޭރަށް ދެވޭ ގޮތް ވަނީ ނުވެފައެވެ.

ހާމިދު ވިދާޅުވީ 8 ވަނަ ސާޖަރީއަށް ފަހު ޔޫސުފްގެ ބޯ އިތުރަށް ބޮޑުވާ ކަން ފާހަގަ ނުވާ ކަމަށެވެ. ނަމަވެސް ދާދިފަހުން ޔޫސުފް ބަލިވެ އުޅުމުން އަނެއްކާވެސް ބޯ ބޮޑުވާ ކަން ވަނީ ފާހަގަވެފައި ކަމަށެވެ. މި ފަހަރު ފޮލޯއަޕަށް ދިއުމުން ޔޫސުފްގެ ހާލަތު ބަލާފައި ކުރިން ލައްވާފައި ހުރި ސްޓަންޓް ނަގާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި ކަމަށް ހާމިދު ވިދާޅުވިއެވެ. އަދި އަވަހަށް އިންޑިއާ އަށް ދާން ބޭނުންވި ނަމަވެސް މާލީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ބުނެއެވެ.

ޔޫސުފް ހާމީދު މުހައްމަދު
"ޔޫސުފަށްޓަކައި އެހީ ހޯދައިދޭން މަސައްކަތް ކޮށްދޭ ހުރިހާ ފަރާތްތަކަށާއި، އެހީ ދޭ ހުރިހާ ފަރާތްތަކަށް ވެސް ހާއްސަ ޝުކުރެއް އަދާކޮށްލަން ބޭނުން."
ޔޫސުފްގެ ބައްޕަ ހާމިދު

އެގޮތުން މިދިޔަ ހޮނިހިރު ދުވަހުް ޓިކްޓޮކްގައި މަޝްހޫރު ސަމާގެ ލައިވްއަށް އެ ދެމަފިރިން ވަނީ ބައިވެރިވެފައެވެ. އެ ލައިވްގައި ސަމާ ވަނީ ޔޫސުފްގެ އާއިލާއަށް އެހީތެރިކަން ފޮރުކޮށް ދިނުމަށް އޭނާގެ ލައިވްގައި ބައިވެރިވާ ފަރާތްތަކަށް އެދިފައެވެ. އެ ލައިވް ފެށިތާ މާގަން އިރެއް ނުވަނީސް 30،000 ރުފިޔާ ވަނީ ލިބިފައެވެ. އަދި އެ ފައިސާ ޔޫސުފްގެ ބެލެނިވެރިންގެ އެކައުންޓަށް އޭނާ ވަގުތުން ވަނީ ފޮނުވާފައެވެ.

ހާމިދު ބުނީ އެ ލައިވް ނިމުނު އިރު ޖުމްލަ 57000 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ޔޫސުފަށް އެހީތެރިކަން ފޯރުކޮށް ދޭ ހުރިހާ ދިވެހި ރައްޔތުންނަށް އެ ދެމަފިރިން ހާއްސަ ޝުކުރެެއް ވަނީ އަދާ ކޮށްފައެވެ.

ރ. ދުވާފަރަށް އުފަން އާއިޝަތު އާޝިދާ އާއި ޅ. ނައިފަރަށް އުފަން ހާމިދު މުހައްމަދުގެ ދެވަނަ ދަރިފުޅު ޔޫސުފަށް މިއަހަރު އޮގަސްމަހުގެ ތެރޭގައި 3 އަހަރު ފުރޭނެއެވެ. މިހާރު ޔޫސުފް ހިންގަން މަސައްކަތް ކުރާއިރު އަދި ބިންމައްޗަށް ފައިބަން އެ ކުއްޖާ ބިރުގަނެއެވެ. ނަމަވެސް އޭނާގެ ތަންމަތީގައި އޮވެ، ތަންތަނުގައި ހިފައިގެން ތެދުވަން މަސައްކަތް ކޮށް މަޑުމަޑުން ފިޔަވަޅު އަލާ ހިންގަން މަސައްކަތް ކުރާ ކަމަށް އެ އާއިލާއިން ބުނެއެވެ.

ޔޫސުފް ހާމިދު މުހައްމަދަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ބައެއް ލިޔެކިއުންތައް

ޔޫސުފްގެ މި ބައްޔަށް ފަރުވާ ހޯދުމުގައި މުޅި އުމުރު ހޭދަވަމުން ދާއިރު، މިހާ ހިސާބަށް އައުމުގައި އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން އާއިލާއިން ފާހަގަކޮށް ޝުކުރު އަދާ ކުރެއެވެ. ޔޫސުފްގެ 8 ވަނަ ސާޖަރީ އަށް ފަހު ފޮލޯއަޕަށް ތިން މަސްފަހުން އަންނަން ޑިކްޓަރުން އެދިފައި ވީ ނަމަވެސް މާލީ ހުރަސްތަކާ ހުރެ އެ އާއިލާއަށް ވަނީ އަދި އިންޑިއާއަށް ފުރޭ ގޮތް ނުވެފައެވެ. ޔޫސުފަށް އެހީވާން ބޭނުންވާ ފަރާތްތަކުން ޔޫސުފްގެ ބައްޕަ، ހާމިދު 7367630 އަށް ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

އެކަންޓުން ނަން: ހާމިދު މުހައްމަދު

އެކައުންޓް ނަންބަރު (ރުފިޔާ): 7730000271943

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ ޔޫސުފް ހާމިދު މުހައްމަދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.