ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕަރްވީން ބާބީގެ ހަޔާތުގެ މައްޗަށް އުފައްދާ ބައިގްރޮފިކަލް ޑްރާމާގައި ޕަރްވީންގެ ރޯލު ކުޅެން ބަތަލާ އުރްވަޝީ ރޯޓޭލާ އަށް ފުރުސަތު ލިބިއްޖެ އެވެ.
މި ފިލްމަށް ސޮއިކުރިކަން ހާމަކުރަމުން އުރްވަޝީ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓުގައި ބުނީ މުޅި ބޮލީވުޑް ވެސް އޭނާ އަށް ކަންތައްކުރީ ނިކަމެތިކޮށް ނަމަވެސް މި ޑްރާމާ އިން އޭނާ ފަހުރުވެރިކޮށްދޭނެ ކަމަށެވެ. ޕަރްވީންގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ދީރަޖް މިޝްރާ އެވެ. މި ފިލްމު ޑައިރެކްޓްކުރާނީ ވަސީމު އެސް ޚާނެވެ. ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް ކުރިއަށްތަނުގައި ފިލްމުގެ ނަމާއި ޓީޒާ އާންމުންނަށް ދައްކާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން މަހޭޝް ބަޓް ވަނީ ޕަރްވީންގެ ހަޔާތަށް ނުސީދާގޮތެއްގައި ފިލްމެއް ހަދާފައެވެ. އެއީ ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ވޯ ލަމްހޭ" އެވެ.
ޕަރްވީން ބާބީ އަކީ ބޮލީވުޑްގައި ވަރަށް ގަދައަށް ފިޔަޖަހާލި ބަތަލާއެއް ވެސް މެއެވެ. އިންޑިއާގެ ފިލްމީ ތަރިންގެ ހެދުން އެޅުމުގެ ވައްޓާފާޅި ހުޅަނގުގެ ފެޝަންތަކަށް ބަދަލުކޮށްލި ހުނަރުވެރި ބަތަލާ ޕަރްވީން އަކީ އޭނާގެ މަސައްކަތުގެ މާހައުލުގައި ކިތަންމެ ކާމިޔާބު މީހެއް ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ވަރަށް އެކަނިވެރިކޮށް ދިރިއުޅުނު މީހެކެވެ.
ނުވަ އަހަރު ދުވަސްވީ ފިލްމީ ކެރިއަރުގައި ޕަރްވީން ވަނީ 19 ފިލްމަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އޭނާ ކުޅުނު އައިކޮނިކް ފިލްމުތަކުގެ ތެރޭގައި "ނަމަކް ހަލާލް"، "ކާލިއާ"، "ޝާން" އަދި "ދީވާރް" ހިމެނެއެވެ.
ބަތަލާ ޕަރްވީން ބާބީ މަރުވެފައި އޮއްވާ ފެނުނީ 2005 ވަނަ އަހަރުއެވެ. އޭނާ މަރުވިއިރު އޭނާ ދިރިއުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. އޭނާ މަރުވެފައި އޮތްކަން މީހުންނަށް ނޭނގި ދިޔަތާ ދުވަސް ކޮޅެއްފަހުން ޝައްކުކުރެވުނީ ވެސް ޕަރްވީންގެ ގޭގެ ދޮރު މަތީގައި ނޫސްކަރުދާހާއި ކިރު ނުނަގާ ހުންނަތާ ތިން ދުވަސް ވީ ފަހުން އަވަށްޓެރިއަކަށް އެކަން ފާހަގަ ކުރެވިގެންނެވެ.