ޔާޝް ޗޯޕްރާ ފިލްމްގެ ސްޕައި ޔުނިވާސަލް ބެނާގެ ދަށުން އުފައްދާ 'ވޯ 2' ގެ ޓްރެއިލާ، ފިލްމުގެ ތަރި ޖޫނިއާ އެންޓީއާރްގެ އުފަންދުވަހާއި ދިމާކޮށް، މިއަދު ދައްކާލައިފިއެވެ.
އިންޑިއާގެ ސިނާމަތަކަށް މިއަހަރު އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމުކަމުގައިވާ 'ވޯ 2' ގައި ރިތިކް ރޯޝަން އާއި އެކު ފެނިގެންދާނީ ސައުތު އިންޑިއާގެ މަޝްހޫރު ބަތަލު ޖޫނިއާ އެންޓީއާރް އާއި ކިއާރާ އަދްވާނީއެެވެ. 2019 ވަނަ އަހަރު ގެނެސްދިން ބްލޮކްބަސްޓާ، ވޯ ގެ ފުރަތަމަ ބަޔަށް ފަހު ރިތިކް ރޯޝަން ކަބީރުގެ ރޯލުން ފެނިގެންދާ މި ފިލްމުގެ ޓީޒާއިން ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު، 1 މިނިޓް 34 ސިކުންތުގެ ޓްރެއިލާއިން ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރްގެ މޮޅު ހުނަރު ފެނިގެންދެއެވެ.
މި ފިލްމުގެ މަންޒަރުތައް 150 ދުވަސްތެރޭގައި 6 ގައުމެއްގައި ޝޫޓްކޮށްފައިވާއިރު އިންޑިއާ، ރަޝިއާ، ޗަޕާން، އަބޫދާބީ، އިޓަލީ އަދި ސްޕެއިންގެ މަންޒަރުތައް ފެނިގެންދާނެއެވެ. މި ފިލްމުގައި ހިމަނާފައިވާ ކަނޑި ހަގުރާމަތަކާއި، އެއްގަމާއި ކަނޑުގެ މަންޒަރުތަކާއެކު ކަބީރު މިފަހަރު ފެނިގެން ދާނީ ކުރިއަށްވުރެ މާ ގަދަކޮށް އަދި މާ ނުރައްކާތެރިކޮށް ކަމަށް ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ވަނީ ބުނެފައެވެ.
މިއަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޔާޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކުރަމުންދާ ސްޕައި ތްރިލާ ސިލްސިލާގެ 6 ވަނަ ފިލްމެވެ.