ބޮލީވުޑްގެ އެކްޓްރެސް އަތިޔާ ޝެޓީ ފިލްމު ކުޅުން ހުއްޓާލިކަން، އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ހާމަކޮށްފިއެވެ.

ސުނިލް "ޒޫމް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އަތިޔާ ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް މިހާރު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަތިޔާގެ އެ ނިންމުމަށް ވަރަށް އިހުތިރާމްކުރާކަން ހާމަކުރަމުން ސުނިލް ބުނީ އަތިޔާއަށް ވަރަށް ގިނަ ފިލްމުތަކުން ފުރުސަތު ވެސް ލިބުނު ނަމަވެސް އޭނާ އެ ފިލްމުތައްވެސް ދޫކޮށްލާފައިވާކަމަށެވެ.

މީގެ އިތުރުން ސުނިލް ބުނީ މިހާރު އޭނާގެ 32 އަހަރުގެ އަންހެން ދަރިފުޅުގެ، ދިރިއުޅުމުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ފޯކަސް އަކީ އޭނާގެ އާއިލާކަމަށެވެ. އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއާ 2023 ވަނަ އަހަރު ކައިވެނިކޮށް، މިދިޔަ މާޗް މަހުގެ ތެރޭގައި ދަރިއަކު ލިބިފައިވާ އަތިޔާގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްފައިވަނީ އޭނާގެ އާއިލާއަށްކަން ސުނިލް ވަނީ ފާހަގަކޮށްފައެވެ.

އަތިޔާ ފިލްމީ ދާއިރާއާއި ދުރަށް ދިޔަ ސީދާ ސަބަބު އޭނާ ހާމަކޮށްފައި ނުވާއިރު، އޭނާވަނީ މިހާތަނަށް 3 ފިލްމު ކުޅެފައެވެ. އެގޮތުން 2015 ވަނަ އަހަރު އަތީޔާ ފިލްމީ ދާއިރާއަށް ނުކުތީ ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް އެކްޝަން ފިލްމު، 'ހީރޯ' އިންނެވެ. އޭގެ ދެއަހަރު ފަހުން އަނީސް ބަޒްމީގެ ރޮމޭންޓިކް ކޮމެޑީ ފިލްމު 'މުބާރަކާން' އިން ފެނިގެންދިޔައީ އަނިލް ކަޕޫރް، އަރްޖުން ކަޕޫރް އަދި އިލިއާނާ ޑި ކްރޫޒް އާއި އެކުގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އަތިޔާ ފެނިގެން ދިޔައީ 'މޯޓީޗޫރް ޗަކްނަޗޫރް' އިންނެވެ.