އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަންގެ އާ ފިލްމު "ތަގް ލައިފް" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މިއަހަރު ޖޫން 5 ދުވަހު ސިނަމާތަކަށް އަންނަ މި ފިލްމަކީ ގޭންގްސްޓާރުންގެ އަނިޔާވެރިކަމާ ދުނިޔޭގެ ކެހިވެރިކަމާއި، އާއިލާތައް ރޫޅުމާއި އަދި ގާތް އެކުވެރިންގެ މެދުގައި ޖެހޭ މައްސަލަތައް ފެނިގެންދާނެ ފިލްމެކެވެ. މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ގިނަބަޔަކު އެންމެ އިންތިޒާރުކުރާ ގޭންގްސްޓާ އެކްޝަން ފިލްމުގައި ވަރަށް ބޮޑު ކާސްޓެއް ހިމެނެއެވެ.
ކަމަލްގެ އިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ ސައުތު އިންޑިއާގެ ތަރިންގެ ތެރޭގައި ސިލަމްބަރަސަން، ޓްރިޝާ ކްރިޝްނަން، އަބިރާމީ، އައިޝްވާރިއާ ލެކްޝްމީ، އަޝޯލް ސެލްވަނާއި ހިމެނެއެވެ. މީގެ އިތުރުން ބޮލީވުޑްގެ ތަރިންގެ ހުނަރުވެސް ފެނިގެންދާ މި ފިލްމުގައި ޕަންކަޖް ތުރިޕާތީ، އަލީ ފަޒަލް، ރޯހިތު ސަރަފް، މަހޭޝް މަންޖްރޭކަރު، ސާނިއާ މަލްހޯތުރާ ހިމެނެއެވެ.
މި ފިލްމުގައި ކަމާލް ހަސަންގެ ކެރެކްޓާއިން، ކުޑަ ކުއްޖަކު ގެންގޮސް އޭނާ ބެލުމުގެ ދަށުން އެ ކުއްޖާ ގެންގުޅެ ބަލާ ބޮޑުކުރާ ގޮތް ފެނިގެންދާނެއެވެ. އަދި އެ ކުޑަކުޑަ ފިރިހެން ކުއްޖާ ބޮޑުވެގެން އަންނަ އިރު (އަމަރުގެ) ކެރެކްޓާއިން ފެނިގެންދަނީ ސިލަމްބަރަސަންއެވެ. އެ ދެމީހުން އާއިލާއެއް ފަދައިން، ޓީމެއްގެ ގޮތުން ބޮޑެތި އޮޕަރޭޝަންތައް ހިންގާ އެކަންކަން ކޮންޓްރޯލް ކުރާ ތަން މި ފިލްމުގައި ގެނެސްދީފައިވާއިރު ދުވަސްތައް މާޒީވެ ގޮސް ދެ މީހުންގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކާއެކު ދުޝްމަނުންނާއި ކުރިމަތިލުމުގައި ދިމާވާ ގޮންޖެހުންތައް ފެނިގެންދާނެއެވެ.
އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ގިނަ ބަހުރުވަތަކުން ގެނެސްދޭ މި ފިލްމަކީ 1987 ގައި ގެނެސްދިން އެޕިކް ކްރައިމް ޑްރާމާ "ނަޔަކަން" އަށް ފަހު ކަމަލް ހަސަން އަދި ރަތުނަމް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ ޓްރެއިލާއިން އެކަނިވެސް ބެލުންތެރިން ހައިރާންކޮށްލާފައިވާއިރު، ފިލްމުގެ ޓްރައިލާއަށް ފަހު ސޯޝަލް މީޑިއާގައި ފިލްމުގެ ވާހަކަވަނި ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އަދި މި ފިލްމު ބެލުމަށް ބެލުންތެރިން ކެތްމަދުވެފައިވާއިރު، އުމުރުން ކިތަންމެ ދުވަސްވެފައިވީ ނަމަވެސް ކަމަލް ހަސަންގެ އެކްޓިންއަށް ބަދަލު ނައަންނަކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.