މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އަސްލު މައްސަލައަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހަޖަމުނުވެގެން އުޅޭ މައްސަލަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭޖީ އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލާގެ ބަހުސް މިހާރު މަޖިލީހުގައި ކުރިއަށްދައިރު ރޮޒައިނާ ވިދާޅުވީ މިއަދު ހުށަހެޅިފައިވާ އަސްލު މައްސަލަ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކާމިޔާބީ ހަޖަމުނުވެގެން އުޅޭ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ މި ވެރިކަމުގައި މުޅި ގައުމަށް ތަރައްގީ ގެނެސްދީ، ހަމަ ހަމަކަން ގެނެސްދީ، އިންސާފު ގެނެސްދީ، އަމާންކަން ގެނެސްދިނުމުން ވެރިކަމަށް ފާރަލައިގެން ހުރި މީހަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން ޔަގީންވުމުން އެކަމާ ދޭތެރޭގައި ކުރާނެ ކަމެއް ނޭނގިގެން ހުށަހެޅި މައްސަލައެއް ކަމަށެވެ.
ޗާގޯސްއާއި ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި ދާދިފަހުން ބޭއްވި ޖަލްސާއިން ހުސް ގޮނޑި ފެނުން އެއީ އެކަމުގެ ހެއްކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭގެ ތާރީހުގައި ވެރިއަކު ދުވަހަކުވެސް ބުނެފައެއް ނެތް ކަމަށާއި ރައީސް ނަޝީދުވެސް މޮރިޝަސްއަށް ވަޑައިގެނެ ޗާގޯސްއަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަކަށް ވިދާޅުވެފައެއް ނެތް ކަމަށެވެ. އަދި މިއަދު ރައީސް ނަޝީދުވެސް ދައްކަވަނީ ޗާގޯސް ހިފަން ދިވެހިން ދާން ޖެހޭ ވާހަކަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެއާއެކު ރައީސް ނަޝީދު ވަނީ ހުށަހެޅިފައިވާ މައްސަލައަށް ވާހަކަދެއްކުމަށް އެދިވަޑައިގެން ޗާގޯސް ހިފަން ހަނގުރާމައަށް ދާ ވާހަކަ އެއްވެސް މީހަކު ދައްކަވާ އަޑެއް އިވިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރޮޒައިނާ ވިދާޅުވީ ބައެއް ފަހަރު ބޮއްކުރައަކަށް އަރާ ފެން ފިސްތޯލައެއް ހިފައިގެން ނައްޓާލަފާނެހޭ ހީވެލައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިފްއަތުގެ މައްސަލަ ބެލުމަށް އެޖެންޑާ ކުރި މިއީ 2 ވަނަ ފަހަރު ކަމަށް ވާއިރު ރިފްއަތު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ. މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.
ރިފްއަތު ވިދާޅުވެފައި މިއަދު މަޖިލީހަށް ހާޒިރުވެފައި ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ހުށަހެޅުން ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައަކަށްވެފައި އެ މައްސަލައިގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ވާޖިބު އަދާ ކުރައްވުމަށް ކަމަށެވެ. އަދި ރިފްއަތު އަމަލުކޮށްފައިވާ ގޮތާބެހޭ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންގޮސްފައިވާތީ، އެކަން ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 11 ވަނަ ދުވަހު، 13 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ސޮޔާއެކުވެ.
ބަންޑާރަނައިބުގެ އިތުރުން، ރާއްޖެ މޮރިޝަސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ އަންނަ އަންގާރަ ދުވަހަށް ޝާހިދުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.