ވޭތުވެ ދިޔަ ފަސް އަހަރުގެ ވެރިކަމުގައި ވެސް ހަމަޖެހުމާއެކު ސުލްހައިގައި ކަންކަން ކުރެއްވުމަށް އިސްކަން ދިން ފަދައިން ކުރިއަށް އޮތް ފަސް އަހަރު ވެސް އަމާޒަކީ ހަމަޖެހުމާއެކު ސުލްހައިގައި ކަންކަން ކުރެއްވުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް އަންނަ ބޮޑު ބަދަލު ފާހަގަ ކުރުމަށް އެސިޓީގައި ރައްޔިތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަމުން ވިދާޅުވީ، އައްޑޫ ސިޓީއާއި މުޅި ރާއްޖޭގައި މި ސަރުކާރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެއްވިއްޖެ ކަމަށެވެ. އަސާސީ ހިދުމަތްތަކު ތެރެއިން ފެނާއި ނަރުދަމާ އާއި ދަތުރު ފަތުރާއި، ކުޅިވަރާ ގުޅުން ހުރި މަޝަރޫއުތައް މިއިން ޒަމާނަކު ރާއްޛޣޭަިއ ނުހިންގާ ވަރަށް ހިންގިއްޖެ ކަމަށާއި އަދިވެސް އެފަދަ މަޝްރޫއުތައް ހިންގަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް ނިމުމުން ދެން ކުރަން ހުންނާނީ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން މަދު މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ރިޔާސީ އިންތިހާބަށް ބައިވެރިވާ ކެންޑިޑޭޓުން މެނިފެސްޓޯ ހަދަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ، އަނެއްކާވެސް އައްޑޫ ސިޓީގެ ރައްޔިތުން މި ސިޓީ ތަރައްގީ ކުރަން ބޭނުންވާ ގޮތަށް ވިސްނައިގެން ތައްޔާރުވާންވީ ވަގުތު ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ދެއްކެވި ވާހަކައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ފަސް އަހަރުތެރޭވެސް އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ވެސް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަކީ "ސްޓެބިލިޓީ" ކަމަށެވެ. ހަމަޖެހުމާއި ސުލްހަ ނެތި ތަރައްގީ ގެނެވޭނެ އެއްވެސް ތަނެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކައިރިންނާއި ދުރުން ވެސް އެމަންޒަރު ފެނިފައިވާ ކަމަށް ރައީސް ފާހަގަ ކުރައްވަމުން 1980 ގެ ދުވަސްވަރު ސްރީލަންކާ ހަމަނުޖެހުމެއްގެ ތެރެއިން ވެއްތިގެން ދިޔަ ދުވަސްވަރުގެ ހަނދާންތައް އެމަނިކުފާނު އާ ކުރެއްވިއެވެ. ހމައެއާއެކު އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް ހަމަޖެހުން ނެތުމުގެ ސަބަބުން ތަރައްގީ ކުރިއަށް ނުދާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގއަށް އައި ތަރައްގީތަކަށް ބަލާއިރު، ކުރިއަށް އޮތް ފަސް އަހަރު އުމްރާނީ ތަރައްގީގެ ތެރެއިން ބޮޑު މަޝްރޫއުތަކެއް ހިންގަން ނެތް ނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަމާއި ސަރުކާުގެ ވިސްނުމުގައި ކަންކަން ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމުގައި ކުރަން ނިންމާފައިވާ ކަންކަން މެނިފެސްޓޯ ތައްޔާރުވެގެން އަންނަ އިރު އެކަންކަން ތަފްސީލުކޮށް ގެނެސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރަން ނިންމަވާފައިވާ ކަންކަމުގެ ތެރެއިން ރައީސް ވަނީ އިޖުތިމާއީ މައްސަލަތަކަށް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި އާއިލީ މައްސަލަތައް ހައްލު ކުރުމަށް ކުރިއަށް އޮތް ފަސް އަހަރުތެރޭގައި މައިގަނޑު ގޮތެއްގައި އެ ކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.