ކަރަންޓަށް މައްސަލަ ދިމާވެ ކެނޑުން ފަދަ ކުއްލި ހާލަތްތަކުގައި ކަރަންޓު ދިނުމަށްޓަކައި ސްޓެލްކޯ އިން ހުޅުމާލޭގައި ބެކަޕް ޕަވާޕްލާންޓެއް ބަހައްޓައިފިއެވެ.
ހުޅުމާލޭގެ ބާ އިންޖީނުގެ ހުރި ބިމުގައި ގާއިމްކުރި 20.2 މެގަވޮޓުގެ ކެޕޭސިޓީ އެއް ހުންނަ ޕަވާޕްލާންޓުގެ މަސައްކަތް ނިމުން ފާހަގަކޮށް، އެ ޕަވާޕްލާންޓު އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ.
އެ ޕަވާޕްލާންޓު އިފްތިތާހުކޮށްދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަރީފް ވިދާޅުވީ، އެ ޕަވާޕްލާންޓުގެ ބޭނުން ހިފާނީ މުޅި މާލެ ސަރަހައްދުގައި ހިމެނޭ ތިން ޕަވާޕްލާންޓުން ފޯރުކޮށްދޭ ވަރަށް ވުރެ އިތުރަށް ކުއްލި ހާލަތްތަކުގައި ކަރަންޓު ބޭނުންވާ ނަމަ ކަމަށެވެ.
"އެމަޖެންސީ އޭ މި ދެންނެވީ އަދި އަޅުގަނޑުމެންގެ އިންޖީނަށް އިތުރު އެމަޖެންސީ އެއް ދިމާވެގެން ހުއްޓި، ނުވަތަ މެއިންޓަނެންސަށް ނަގާ އިންޖީނުތަކަށް ވެސް ފޫބެއްދުމަށް ވެސް އަޅުގަނޑުމެން މި ޕަވާޕްލާންޓުގެ ބޭނުން މި ހިފަނީ،" ޝަރީފް ވިދާޅުވިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 26 ގައި އެ ޕަވާޕްލާންޓުގެ މަސައްކަތް ފަށައި، މިދިޔަ މަހުގެ 26 ގައި އެ މަސައްކަތް އެހާ ކުރު މުއްދަތެއްގައި ނިންމާލާފައި ވަނީ ސްޓެލްކޯގެ ޓެކްނިކަލް ޑިޕާޓްމެންޓު އެއްކޮށް ކުރި މަސައްކަތުން ކަމަށް، ހުޅުމާލޭގައި އިފްތިތާހުކުރި ބެކަޕް ޕަވާޕްލާންޓުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި މާލޭގެ ޕަވާހައުސްގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝަރުނީޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ޕަވާޕްލާންޓު ސްޓާޓްކުރާނީ އެހެން އިންޖީނުގެތަކަށް ލޯޑު ބޮޑުވުމުންނެވެ.
"މި ކަމަކީ ސްޓެލްކޯގެ މާލެ އޭރިއާގަ، މާލެ ހުޅުމާލެ ހިމެނޭ ގޮތަށް ހުންނަ އޭރިއާގަ، އަޅުގަނޑުމެންގެ ލޯޑު މައްޗަށް ދާ ހާލަތުގަ، އެއީ އާންމުކޮށް މައްޗަށް މި ދަނީ އޭޕްރިލް މޭ ހިސާބުގަ، އެހެންވީމަ އެހާ ހިސާބުގަ ލޯޑު މައްޗަށް ގޮސްފިކަމަށް ވެއްޖިއްޔާ އިތުރަށް ބެކަޕްކުރުމަށްޓަކައި އަޅުގަނޑުމެން ގާއިމްކުރި އިންޖީނުގެ އެއް،" އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، އެ ޕަވާޕްލާންޓުގައި ބަހައްޓާފައި ހުރި 10 އިންޖީނުގެ އިތުރުން، ހަތަރު އިންޖީނެއް ކޮންޓެއިނަރައިޒްކޮށް، އަލަށް ގެނައި ތިން އިންޖީނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. މިހާރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 90 މެގަވޮޓުގެ ކަރަންޓު ބޭނުންކުރެވޭކަން ފާހަގަކުރައްވައި، އެންމެ ހޫނު ގަދަ ދުވަސްވަރު އާންމުން ވަރަށް ގިނައިން ކަރަންޓު ބޭނުންކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް އިތުރު 100 މެގަވޮޓުގެ ޕަވާޕްލާންޓެއް ހެދުމުގެ މަސައްކަތް ސްޓެލްކޯ އިން ރާވާފައިވީ ނަމަވެސް، ޝަރީފް ވިދާޅުވި ގޮތުގައި އެ މަސައްކަތް ލަސްވަނީ ހުޅުމާލޭން ބިން ނުލިބުމުގެ ސަބަބުންނެވެ.