ވައިގެ މަގުން މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް އައްޑޫ ސިޓީ ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މުޅިރާއްޖޭގައި އެކީ އެއްފަހަރާ ހިންގަން ޖެހޭ މަޝްރޫއުތައް ނުހިންގާ މަޑުޖެއްސެން ނެތް ކަމަށެވެ. އެފަދަ ހުރިހާ މަޝްރޫއެއް ސަރުކާރުން މިދަނީ ހިންގަމުން ކަމަށާއި، އެއްގަމާ ކަނޑާ ވައިގެ ވިއުގަ އަކުން މުޅިރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް ކަމަށާއި، މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ކުރަމުން މިގެންދާ ކޮންމެ ކަމަކީ, ދެމެހެއްޓެނިވި ގޮތަށް މި ދިވެހިރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިއީ އަންނަން އޮތް ޖީލުތަކަށް އެކަށޭނެ އުފާ ފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއް ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. ހަމަހަމަ ހައްގުތަކާއި މިން ހަމަ އުފާވެރި ދިރިއުޅުން ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ މިއަދު މިކުރާ މަސައްކަތް މިގޮތަށް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.