ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާ މައި ހެކި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކި ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން އެދިފައި އޮއްވާ އެ ހެކި ބަލައިނުގަންނަން ޖެހޭ ހާލަތު މިހާރު ނެތް ކަމަށް ދައުލަތުގެ ވަކީލުން ބުނުމުން މިއަދުގެ ޝަރީއަތުގައި ޔާމީން ނުރުހުން ފާޅުކުރައްވައިފިއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ބައެއް ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހަތް ހުށަހެޅުމެއް ހުށަހެޅުއްވި އިރު، އަީބުގެ ހެކިބަސް ބަލައިނުގަތުމަށް ވަނީ ހުށަހަޅާފައެވެ. ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، ދިފާއުން ފާހަގަ ކުރާ ހާލަތަކީ ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރަށް ވެފައި އެ ދުވަސްވަރު ނައިބު ރައީސަކަށް އަދީބު ހުންނެވުމުން ވެރިކަމުގެ ދަހިވެތިކަމުގައި އޮތް ހާލަތު ކަމަށާއި ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން އަދީބަށް އޭރު ދައުވާކޮށްފައި އޮތުން ކަމަށެވެ.
ޔާމީންގެ އެ ހުށަހެޅުއްވުމަށް ރައްދު ދެއްވަމުން ޝަފީއު ވިދާޅުވީ، ޔާމީނަކީ މިހާރު ރައީސެއް ނޫން ކަމަށާއި އަދީބު ހުންނެވީ ޔާމީން ފަހަތަށް ޖައްސަވާފައި ސިޔާސީ ބާރުވެރިކަމެއް ހޯދޭނެ މަގާމަކު ނޫން ކަމަށެވެ. އަދި ލޯންޗްގައި ބިން ގޮއްވާލި މައްސަލައިގައި ކުރި ދައުވާ ސާބިތުނުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައި މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާލުމުން، އަދީބަކީ ކުށް ސާބިތުވެފައި ހުރި މީހަކަށް ނުވާ ކަމަށް ޝަފީއު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ހާލަތު ބަދަލުވުމުން، ދިފާއުން އެ ފާހަގަ ކުރާ ހާލަތެއް ނެތް ކަމަށް ޕަބްލިކް ޕްރޮސެކިއުޓަރު ޝަފީއު ވިދާޅުވިއެވެ.
ދައުލަތުން ނެގި ނުކުތާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ޔާމީން ވާހަކަ ދައްކަވަން ފުރުސަތަކަށް އެދިވަޑައިގަތުމުން ޝަރީއަތުން ދިން ފުރުސަތުގައި ޔާމީން ވިދާޅުވީ، އެއް އިރެއްގައި އަދާވާތްތެރިކަން އޮވެފައި، މިހާރު އާދާވާތްތެރިކަން ނޯންނަންވީ ސަބަބެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ. އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމުގައި، ދައުލަތަށް އެއްބާރުލުން ދޭނަމަ އަދީބަށް އުފުލާފައިވާ އެފަދަ ދައުވާތައް ނުކުރާނެ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އަދީބާއި ޒިޔަތުގެ ހެކިބަސް މުހިންމު ވަނީ، ދައުވާގައި ހިމެނޭ ކުށުގެ އުންސުރުތަކާއި ހާދިސާގެ ވާގިއާ (ފެކްޓްސް) ތައް ސާބިތުވާނެ ކާފީ ހެކި ހަމަވަނީ އެ ހެކިބަސްތައް ހިމެނުމުން ކަމަށް ދައުލަތުން ބުނެފައިވާތީ، ކާފީ ހެކިންނަށްވީ އިއުތިރާފު އެއްބަސްވުމަށް ފަހުތޯ ވެސް ޔާމީން އެއްސެވިއެވެ.
ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ޝަފީއު މިސާލު ޖައްސަވަމުން ވިދާޅުވީ، ޔާމީންގެ ދިފާއީ ވަކީލަކަށް މިހާރު ހުންނެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކަމަށެވެ. ޔާމީންގެ ނައިބަކަށް ހުންނަވަނިކޮށް މަގާމުން ވަކިކުރުމުން، ޔާމީނާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ޖަމީލު މަސައްކަތް ކުރެއްވި ކަމަށެވެ. ސިޔާސީ މަސައްކަތުގައި އުޅުއްވާ އިރު، މުސްކުޅި ހަރުބަހެއްގައި ވެސް އޮންނަ ފަދައިން، މިތުރުން ހަތުރުންނަށްވޭ، ހަތުރުން މިތުރުންނަށްވާ ކަމަށް ޝުފާއު ވިދާޅުވިއެވެ.
އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށާއި ދައުލަތުން ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތައް ބަލައި ނުގަތުމަށާއި ރިޔާސީ ކޮމިޝަން ފިޔަވައި އެހެން އިދާރާތަކުން ހޯދި ހެކިތައް ބަލައިނުގަތުމަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިރު، އެ މައްސަލާގައި ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ ފަރާތުން ވެސް ފަސް ހުށަހެޅުމެއް ވަނީ ހުށަހެޅާފައެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ ހުށަހެޅުންތަކަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ވެސް ހުށަހެޅި ހުށަހެޅުންތަކެއް ކަމަށެވެ. އަދި އެ ހުށަހެޅުންތަކަކީ ޝަރީއަތް މަޑުޖައްސާލަން ޖެހޭ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ގާޒީ ނަދީމް ވިދާޅުވީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށް މި މަރުހަލާގައި ނިންމިޔަސް، ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާ މަރުހަލާގައި އެކަންކަން ފާހަގަ ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މައްސަލާގެ ހުކުމް ކުރާ އިރު އެކަން ކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.