1444 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

މިއަހަރު 6 ފްލައިޓަކުން ހައްޖުވެރިން ފުރަން ހަމަޖެހިފައި ވާއިރު ފްލައިޓްތައް އޮންނާނީ މި މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. ސައުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދީފައި ވަނީ 1000 ކޯޓާއެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސް، ޖަމާއަތް، ވަގުތު އަދި ހައްޖުވެރިންގެ އަދަދު:

  • މި މަހުގެ 12 ވަނަ ދުވަހު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 290 ހައްޖުވެރިން – މެންދުރުފަހު 3:10
  • މި މަހުގެ 13 ވަނަ ދުވަހު، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން – މެންދުރުފަހު 12:50
  • މި މަހުގެ 15 ވަނަ ދުވަހު، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން – ރޭގަނޑު 7:00
  • މި މަހުގެ 16 ވަނަ ދުވަހު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއިން 290 ހައްޖުވެރިން – މެންދުރުފަހު 3:10
  • މި މަހުގެ 16 ވަނަ ދުވަހު، އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން – ރޭގަނޑު 7:00
  • މި މަހުގެ 19 ވަނަ ދުވަހު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 290 ހައްޖުވެރިން – މެންދުރުފަހު 3:10

އިސްލާމިކް މިނިސްޓްރީއިން ބުނި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި ބަހާހަމައަށް ގެންގޮސްދިނުމާއި، ހައްޖުވެރިއާއާއި އާއިލާގެ މީހުން ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމުގެ އިތުރުން ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއާޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް އިސްލާމިކް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން ހައްޖަށްދާ ފަރާތްތަކަށް ހާއްސަކޮށް މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާގޮތް:

ބަސް ޕޮއިންޓްތައް

މާލެ

  1. ވެސްޓް ޕާކް
  2. ސޯޝަލް ސެންޓާ
  3. 01 ނަންބަރު ފާލަން
  4. ހެންވޭރު ފެރީ ޓާމިނަލް
  5. ހައުސިން މިނިސްޓްރީ
  6. ދަރުބާރުގެ
  7. ޒިކުރާ މިސްކިތް
  8. ގަލޮޅު ދަނޑު
  9. ޓޭބަލް ޓެނިސް އެސޯސިއޭޝަން (ހެންވޭރު ދަނޑު ކުރިމަތި)
  10. އޯކިޑް

ފަރީދީ މަގުހުޅުމާލެ ފޭސް 1

  1. ނިރޮޅު މަގު
  2. ބަގީޗާ ހިނގުން

ހުޅުމާލެ ފޭސް 2

  1. ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 1
  2. ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 2

ވިލިނގިލި

  1. ފެރީ ޓާމިނަލް

ހައްޖަށް މީހުން ގެންދާ ޖަމާއަތްތަކުން އިތުރަށް ފައިސާ ނަގާ ކަމަށް ތުހުމަތުތައް ކުރަމުންދާއިރު މިނިސްޓްރީއިން ބުނީ ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހުއްދަ ދީފައިވާ ކޯޓާއަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ޖުމްލަ 899،533 މީހުން ބައިވެރިވިއެވެ.