"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ނަމުގައި ރޭ ކާނިވަލްގައި ކުރިއަށް ގެންދިޔަ ޕީޕީއެމް ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފަންޑު ކޮށްގެން ފޮނުވި ބަޔަކު ކަމަށް ޕީޕީއެމް އިން ތުހުމަތު ކޮށްފިއެވެ.

ރޭގެ ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމި މައްސަލައާ ގުޅިގެން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއަދު ޕީޕީއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ބިޔަ ބޮޑު ޖަލްސާގެ ތެރެއަށް ވަދެ "އިންޑިއާ އައުޓް" ބެނާ އެއް ދަމާ ޖަލްސާގެ މިސްރާބު ބަދަލުކޮށްލަން ކުރި މަސައްކަތަކީ ފިނޑި އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ.

އަދި އެކަން ކޮށްފައި ވަނީ ސަރުކާރުގެ އިސް ވެރިން އަޑީގައި ތިބެގެން ކަމަށް ބަޔާނުގައި ވެއެވެ. އަދި އެފަދަ ނާތަހުޒީބު އަމަލެއް ހިންގުމަށް ސަރުކާރުން ރާވަމުންދާ ކަމަށް ކުރިން އެނގިފައިވާ ކަމަށާއި އެކަން ކުރާ ބަޔަކު ސުލްހަވެރިކަމާއެކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަން ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ވެއެވެ.

ކަނޑުވިއްކުމާ ދެކޮޅު ޖަލްސާގައި އިންޑިއާ އައުޓް ބެނާ ދަމާފައި

ސަރުކާރުގެ އެފަދަ އަމަލުތަކުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ކުށްހީއެއް ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ޔާމީންގެ އިރުޝާދުގެ ދަށުން ކުރަމުންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމްގެ އިތުރުން 'ދަ ޑިމޮކްރެޓްސް' އިންވެސް ވަނީ އެކަން ކުރި ބަޔަކީ ސަރުކާރުގެ ފަރާތުން ނެރުނު ބަޔެއް ކަމަށް ތުހުމަތު ކޮށް ބަޔާނެއް ނެރެފައެވެ. ސަރުކާރާ އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތައް އެކުވެގެން ކުރިއަށް ގެންދިޔަ އެ ޖަލްސާއަށް އަމާޒުކޮށް ސަރުކާރުން ހިންގި އެ އަމަލަކީ ވަރަށް މުޑުދާރު އަދި ދަށު ދަރަޖައިގެ އަމަލެއް ކަމަށް 'ދަ ޑިމޮކްރަޓްސް" އިން ވަނީ ސިފަކޮށްފައެވެ. އަދި އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތަކަކީ އެ ޕާޓީން ދެކޮޅު އަމަލުތަކެއް ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.

ރޭގެ ޖަލްސާގައި އިންޑިއާ އައުޓް ޖަހާފައި ހުރި ޓީޝާޓުތަކުގައި ބައެއް ފަރާތްތަކުން ހަރަކާތްތެރި ވެފައިވާ މަންޒަރާއި، އަދި އިންޑިއާ އައުޓް ޖަހާފައިވާ ބެނާ އެ ޖަލްސާގައި ދަމާފައިވާ މަންޒަރު ހިމެނޭ ފޮޓޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ޖަލްސާގައި ސަރުކާރާ އިދިކޮޅު ސިޔާސީ ބައިވެރިން ބައިވެރިވެފައިވާ އިރު އޭގެތެރޭގައި ދާދި ފަހުން އެމްޑީޕީން ވަކިވެ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އާ ގުޅުނު ބައެއް ސިޔާސީ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފައްޓަވާފައިވާ ހަރަކާތެކެވެ. އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދިޔަ އެ ހަރަކާތް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ވެސް ނެރުއްވާފައެވެ. އެ ގަރާރަށް ފަހު އިންޑިއާ އައުޓް ހަރަކާތް ވަނީ މަޑުޖެހިފައެވެ.