އެމެރިކާ އާއި ޗައިނާ އާ ދެމެދު އެކި ދާއިރާތަކުން ގުޅުން ގޯސްވެފައި ވާ ދަނޑިވަޅެއްގައި އެމެރިކާގެ ސީއައިއޭގެ ޗީފް ވިލިއަމް ބާންސް މިދިޔަ މަހު ޗައިނާ އަށް ވަޑައިގެން މަޝްވަރާތަކެއް ބާއްވައިފި ކަމަށް ހަބަރުތައް ބުނެފިއެވެ.
ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އޭނާ ޗައިނާ އަށް ވަޑައިގަތީ ދެގައުމުގެ ދެމެދުގައި ނުތަނަވަސް ވެފައިވާ މަޝްރަހު ފިނިކޮށް ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވޭނެ މާހަލެއް ގާއިމު ކޮށްފައި ބޭއްވުމުގެ ބޭނުމުގައެވެ. އޭނާގެ ދަތުރުގައި ޗައިނާގެ އިސްފަރާތްކާ މަޝްވަރާ ކުރައްވައި އެ މަގުތައް [މަޝްވަރާގެ ދޮރުތައް] ހުޅުވިފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ބާންސްގެ ދަތުރާ ބެހޭ މައުލޫމާތު އާންމު ވި މި ވަގުތަކީ، ޗައިނާ އާ އެކު އެކި ދާއިރާތަކުގައި މަޝްވަރާ ކުރުމަށް އެމެރިކާގެ މިހާރުގެ ސަރުކާރުން ތާވަލެއް އެކުލަވާލައިފައި ވާކަން ހާމަ ކުރި ވަގުތެކެވެ.
ބާންސްގެ ދަތުރުގައި ބައްދަލު ކުރެއްވީ ޗައިނާގެ އިންޓެލިޖަންސްގެ އޮފިޝަލުންނާއެވެ. ސީއައިއޭގެ ދަތުރު ތަކާ ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާ ނުކުރާ އިރު މި ދަތުރާ ގުޅޭ އިތުރު ތަފްސީލުތައް ދޭން ސީއައިއޭއިން ދެކޮޅު ހަދާފައި ވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާ އާއި ޗައިނާ އާ ދެމެދު ނުތަނަވަސްކަން އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ޓައިވާނުގެ މައްސަލަ އާއި އިންސާނީ ހައްގުތަކަށް ޗައިނާއިން އަރައިގަންނަ މައްސަލަ އާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ހަރަކާތްތައް ފުޅާ ކުރުމާއި ރަޝިއާ އާ އެކު ޗައިނާއިން މާ ގާތް ގުޅުމެއް ބާއްވާ މައްސަލަ ހިމެނެއެވެ. ޗައިނާ އިން ދޮގު ކުރާ އިރުވެސް އެމެރިކާއިން ތުހުމަތު ކުރަނީ ރަޝިއާއިން ޔޫކްރައިނަށް އަރާ ކުރާ ހަނގުރާމައިގައި ޗައިނާއިން ރަޝިއާ އަށް ހަތިޔާރުގެ ގޮތުން އެހީވާން ވިސްނަމުން ދާ ކަމަށެވެ. އަދި އެ މައްސަލައިގައި ޗައިނާއިން ރަޝިއާ ކުށްވެރި ނުކުރުމަކީވެސް އެމެރިކާއިން ނުރުހޭ ކަމެކެވެ.
މީގެ އިތުރުން ޗައިނާގެ ވިޔަފާރި ވަރުގަދަވެ ފުޅާ ވުމާއި އަސްކަރީ ގާބިލު ކަމާއި ޓެކްނޮލޮޖީގެ ކުރިއެރުމަކީ ވެސް އެމެރިކާއަށް ބަލައިގަންނަން އުނދަގޫ ކަންކަމެކެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ހާރިޖީ ވަޒީރު ޗައިނާ އަށް ވަޑައިގަންނަވަން ވެސް ދަތުރެއް ޝެޑިއުލް ކުރެއްވިއެވެ. ނަމަވެސް އެ ދަތުރު ކެންސަލް ކުރެއްވީ، އެމެރިކާ މައްޗަށް އެރި ބެލޫންތަކެއްގެ މައްސަލައިގައި އެއީ އެމެރިކާއަށް ޖާސޫސް ކުރަން ޗައިނާއިން އެރުވި އެއްޗެހިތަކެއް ކަމަށް ބުނެ އުފެދުނު ނުތަނަވަސް ކަމުގައެވެ.
އެމެރިކާ އާއި ޗައިނާގެ ގުޅުން ގޯސްވެފައި އޮތަސް ދެގައުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގްތިސޯދު ކަމުން އެއްބަޔަކު އަނެއް ބަޔަކާ ޖައްސާލައިގެން އެހެން ތިބެބޭ ވަރަށް ވުރެ ދެގައުމުގެ ބާރު ދުނިޔޭގެ ސިޔާސަތު ބައްޓަން ކުރުމުގައި ފުޅަލެވެ. އެހެން ކަމުން ދޭތެރެ ދޭތެރެއިން ރާގު ބަދަލުވެ މަޝްހަރު ހޫނު ވިޔަސް ދެގައުމުގެ އިސް ވެރިންގެ ފެންވަރުގައި ބައްދަލުވުންތައް ބާއްވައެވެ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ މިހާރުގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ އާއި އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ސިންގަޕޫރުގައި ކުރިއަށް ދާ ޝަންގްރިއްލާ ސެކިއުރިޓީ ސަމިޓުގައި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަ ނުދައްކާ ހަމައެކަނި ސަލާމް ކުރެއްވީ ކަމަށް އެމެރިކާއިން ބުނެއެވެ.