މޯލްޑިވްސް ކަރެކްޝަނަށް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި މުވައްޒަފުންނަށް ބިރުދައްކާ އިންޒާރުދޭނަމަ ފިޔަވަޅުއަޅާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެމްސީއެސް ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް އެ އިދާރާގެ އޮފިސަރުންނާއި މުވައްޒަފުންގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށް ސައްހަ ނޫން ތުހުމަތުތަކާއެކު ބަދުނާމު ކުރާ ފަދަ އިބާރާތްތައް ބޭނުންކޮށް ބިރު ދައްކާ އިންޒާރުދޭކަން ސޯޝަލް މީޑިއާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސައްހަ ނޫން އެފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ކުރާ މަސައްކަތާމެދު އާންމުންގެ މެދުގައި ނަފްތަރު އުފެދެމުންދާ ކަމަށް އެމްސީއެސްއިން ބުނެއެވެ.

މީގެ އިތުރުން އެސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިހުސާސްކުރަމުންދާ ކަމަށް އެމްސީއެސްއިން ވަނީ ބުނެފައެވެ.

އެމްސީއެސް އިން ބުނީ، މިއީ އެ ސާވިސްއިން ކަންބޮޑުވުމާއެކު ކުށްވެރިކުރާ ކަމެއް ކަމަށާއި މިފަދަ އަމަލުތައް ނުކުރުމަށާއި މިފަދަ އަމަލުތައް ތަކުރާރުވަމުންދާ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.