ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން އުޅެނިކޮށް އަލުން ހޯދާ ހައްޔަރުކޮށްފިއެވެ.
ހ. ހިޔާރޯދީގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހުސެއިން ޝަހްބާން ފަރުވާއަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާ ފިލައިގެން ހޯދާ ކަމަށް ކަރެކްޝަނުން ބުނެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އެއާއެކު ކަރެކްޝަނުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އޭނާ ފިލައިގެން އުޅެނިކޮށް ހޯދުމަށްފަހު ކަރެކްޝަނަލް ސާވިސްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ފެނުނީ ކޮން ތާކުން ކަމެއް އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޝަހުބާން ހައްޔަރު ކޮށްފައިވަނީ, ފަަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އަދި ހަމަ އެ މައްސަލާގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ފަރުވާއަށް ގެންދިއުމުން ފިލި މައްސަލައެއް ފެންމަތިވެފައިވާއިރު، ގއ. ވިލިނގިލީގެ ފުލުހުންގެ ބަންދުގައި ހުރި މީހަކު ގއ. އަތޮޅު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނިކޮށް ވެސް ފިލި މައްސަލައެއް މިމަހުގެ 8 ވަނަ ދުވަހު ވަނީ ފެންމަތިވެފައެވެ. ނަމަވެސް އޭނާ ވަނީ ހަމަ އެދުވަހު އަލުން ހައްޔަރުކޮށްފައެވެ.
