މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާތަނަށް ޖަލަށް މަނާތަކެތި ވެއްދުމަށް ބޭނުންކުރި 5 ޑްރޯންއެއް ހިފަހައްޓާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަލަށް ފޯނާއި މަސްތުވާތަކެތި ފަދަ މަނާތަކެތި ވެއްދުން ހުއްޓުވުމަށް ވޭތުވެދިޔަ ތަނުގައި އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ފާހަގަކުރައްވާ، ކޮމިޝަނާ ވިދާޅުވީ، ކުށްކުރާ ފަރާތްތަކުން މިހާރު ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާ ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި ޖަލަށް ތަކެތި ވެއްދުމަށް ބޭނުންކުރަނީ އަޑު މަޑު ޑްރޯންތަކެކެވެ. އަދި މިފަދަ ތަކެތި ހުއްޓުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޖަލުތަކުގައި ގާއިމުވެފައި ނެތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު މިކަމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާތަނަށް އަތުލައިގަތް 5 ޑްރޯންއަކީ ޖަލު ބަލަހައްޓަން ތިބި އޮފިސަރުންގެ ހުޝިޔާރުކަމުން އަތުލައިގަނެވުނު ތަކެތިކަން ކޮމިޝަނާ ފާހަގަކުރެއްވިއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިއަހަރުގެ ފެބުރުވަރީ މަހު މާފުށީ ޖަލުގައި ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓާފައެވެ. މީގެ އިތުރުން ބަގޭޖް ސްކްރީން ކުރާ ސިސްޓަމްތައް މިހާރު ގެނެސްފައިވާ ކަމަށާއި، މި މަހުގެ ތެރޭގައި އެ ތަކެތި ބޭނުންކުރަން ފެށުމުން ޖަލަށް މަނާތަކެތި ވެއްދުން ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސެންޓްރަލް ޖަލެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.