ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ މައްސަލައެއްގައި ހައްޔަރު ކުރި 13 މީހުންގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސާއި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި މާލޭގެ ހަތަރު ތަނެއް ރޭ ބަލައި ފާސްކޮށްފައި ވާއިރު އެ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ އެ މީހުން ނިސްބަތްވާ ގައުމުތައް ވެސް ހާމަކޮށްފައެވެ.
ފުލުހުން ބުނީ އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 8 ފިރިހެނަކާއި އެ ގައުމުގެ އަންހެނަކާއި ތައިލޭންޑުގެ 4 އަންހެނަކު ކަމަށެވެ. އަދި ފުރަތަމަ އެ އެންމެންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އެ މުއްދަތު ހަމަވުމުން އެ މީހުންގެ ބަންދު އިތުރުކޮށްދިނުމަށް އެދި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އުމުރުން 35 އަހަރުގެ ބަންގަލަދޭޝް ފިރިހެން މީހާ ވަނީ ކޯޓުން ދޫކޮށްލާފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާއާ ދެކޮޅަށް އިތުރު ހެކި ލިބިފައި ނެތް ކަަމަށާއި އޭނާއާ ކުށާ ގުޅުވައިދޭ އިތުރު ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ޝަރުތުކުރުމަށްފަހު ދޫކޮށްލި އެ ފިރިހެން މީހާ އަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
މިއީ ރާވައިގެން ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބުނީ، މި މައްސަލަ ބަލައި އިތުރަށް ބަލައި ތަހްގީގު ކުރަމުން ދާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ބޭރުން މީހުން ގެނެެސްގެން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ފައިޖުލް އިސްލާމް(33އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ފައިޖުލް އިސްލާމްއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހެއްކަމަށާ އަދި އޭނާއަކީ އެ ނެޓްވޯކުގެ އިސް ފަރާތް ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ.
މީގެ ކުރިން ވެސް ހަށި ވިއްކުމުގެ އެކި މައްސަލަތަކުގައި މީހުން ހައްޔަރު ކޮށްފައި ވެއެވެ. ހަށި ވިއްކާ މީހުން އިތުރުވެ، އެ މައްސަލައާ މެދު އެދެވޭ ފިޔަވަޅެއް ނޭޅޭތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނަށް އާންމުންގެ ފާޑުކިއުން އަމާޒު ވެއެވެ.