އިންޑިއާގެ މުޒައްފަރުނަގަރް ގައި 2013 ވަނަ އަހަރު ހިނގި ދީނީ ކުރިމަތިލުމެއްގައި އާފްރީން ރޭޕް ކޮށްލި ހިންދޫންގެ ދެމީހަކު 20 އަހަރަށް ޖަލަށް ލިޔަސް އަދި ހަނގުރާމަ ނުނިމޭކަމަށް އާފްރީން ބުނެފިއެވެ.

އޭނާ ބުނީ، 10 ވަރަކަށް އަހަރުގެ މަސައްކަތުން ކޯޓުން ކާމިޔާބެ ވެ އެ ދެމީހުން ޖަލަށް ލީ ނަމަވެސް އަދިވެސް އަމިއްލަ ދިރިއުޅުން ހަމައަކަށް ނޭޅޭ ކަމަށެވެ. އެ ބިރުވެރިކަމާއި ހާސްކަން އިރުއިރުކޮޅާ އޭނާ ވަށާލާ ކަމަށެވެ.

އުއްތަރް ޕްރަދޭޝް ގެ މުޒައްފަރުނަގަރު ގައި މި ނުރައްކާތެރި ޖަރީމާ ހިނގީ، ހިންދޫ އަންހެން ކުއްޖަކާ މުސްލިމް ފިރިހެނަކު ފޮށުނު ކަމަށް ތުހުމަތު ކޮށް އޮގަސްޓް 27، 2013 ގައި އޭނާ މަރާލުމާ ގުޅިގެންނެވެ. އެއާ ވިދިގެން އެ މީހާ އަށް ހަމަލާ ދިން ދެމީހަކު އާންމުން އަތުލައި ތަޅާ ތަޅާ މަރާލިއެވެ. މައްސަލަ އިތުރަށް ހޫނުވެ މުސްލިމުންނާއި ހިންދޫންނާ ދެމެދު ހަމަނުޖެހުން ހިނގާ ތަޅާފޮޅުމަކަށް ބަދަލުވިއެވެ. ދެ ހަފްތާއަށް ދިގުދެމިގެން ދިޔަ އެ ކުރިމަތިލުމުގައި ޖުމްލަ 60 މީހަކު މަރުވި އިރު ގިނައީ މުސްލިމުންނެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން 60،000 އެއްހާ މީހުން އެމީހުންގެ ގެދޮރުން ނެރެ ބޭރުވެސް ކޮށްލިއެވެ.

އެ ހަމަނުޖެހުންގަނޑުގެ ތެރޭގައި ސެޕްޓެމްބަރު މަހުގެ 8 ވީ ދުވަހު އާފްރީންގެ ފިރިމީހާ ދިޔައީ ދޮއްޓަށް ތިބި 2 ކުދިން ގޮވައިގެން ޑޮކަޓަރަށެވެ. އެވަގުތު ގޭގައި އިނީ ތުއްތު ދަރިފުޅު އުރައިގެން އާފްރީން އެވެ. އާފްރީން ބުނީ އޭނާ ގޭގައި އިންދާ ދޮރުމައްޗަށް ދެމީހަކު މަޑު ކުރި ކަމަށާއި އެއީ ހިންދޫން ކަމަށާއި އައީ އަނިޔާއެއް ދޭންކަން ފާހަގަ ވެ، ފިލޭތޯ ދަރިފުޅު ގޮވައިގެން ދުއްވައިގަތް ކަމަށެވެ. އެއާއެކު އެތަނުން އެކަކު، ގުޑި ލައިފިއްޔާ ދަރިފުޅު މަރާލާނެ ކަމަށް ބުނި ކަމަށާއި، އެހެން ބުނެ ފަހަރަކު މީހަކު އޭނާ ރޭޕްކުރީ ކަމަށް ބުނެއެވެ.

އެމީހުންނަކީ އާފްރީންގެ ފިރިމީހާ ހިންގާ ފަހާތަނަށް ގަމީސް އެއްޗެހި ފަހަން ދާ ދެމީހުން ކަމުން އާފްރީން އަށް އެމީހުން ވަރަށް ރަނގަޅަށް އެނގެއެވެ.

އާފްރީން ރޭޕް ކުރި އުމުރުން 62 އަހަރުގެ މަހޭޝްވީރް ޕްރަކާޝް އާއި އުމުރުން 37 އަހަރުގެ ސިކަންދަރު މަލިކު 20 އަހަރަށް ޖަލަށް ލި އިރު މިއީ ރޭޕް ކޭސް އެއްގައި އިންޑިއާގައި ވަރަށް ނުވާ ކަމެކެވެ. މީގެ ކުރިން މިފަދަ ރޭޕް ކޭސްތަކުގައި ގިނަ ބަޔަކު ޖަލަށް ލެވިފައި ނުވާ އިރު ޖަލަށް ލީ މީހަކުވެސް ދުވަސްކޮޅެއް ވެފައި ވަނީ މިނިވަނެވެ. މިހާދިސާގައި ތުހުމަތުވާ 3 ވަނަ މީހަކުވެސް ހުރި އިރު ސިއްހީ މައްސަލަތަކެއް ދިމާވެ އޭނާވަނީ 2020 ވަނަ އަހަރު މަރުވެފައެވެ.

އެފަހަރު އެ ހަމަނުޖެހުމުގެ ތެރޭގައި، ހިންދޫން އާފްރީންގެ ގެ ވެސް ރޯކޮށްލައި އަންދާލިއެވެ. އެއާއެކު ފިރިމީހާ އާ އެކު އޭނާ އުޅެމުން ދިޔައީ ރެފިއުޖީ ކޭމްޕެއްގައެވެ. އާފްރީން ރޭޕް ކުރި ވާހަކަ ފިރިމީހާގެ ގާތުގައި ބުނީ އެ ކޭމްޕަށް ދިޔަ ފަހުންނެވެ.

އާފްރީން އެވާހަކަ ބުނިލެއް ލަސްވުމުން ފިރިމީހާ ޝަކުވާ ކުރި ނަމަވެސް ދެމީހުން ނިންމީ އެ މައްސަލައިގައި ކޯޓަށް ދާށެވެ. އެއާއެކު އުއްތަރް ޕްރަދޭޝްގެ ޕޮލިހަށް ދިޔުމުން، މަސްދުވަސް ފާއިތުވީ ފަހުން އައުމުން ކޭސް ރަޖިސްޓާ ނުކޮށްދެވޭނެ ކަމަށް ބުނުމުން ދެން އާފްރީންގެ ދެމަފިރިން ނިންމީ ސްޕްރީމް ކޯޓަށް ދާށެވެ. އެއާއެކު 2014 ގެ ފެބްރުއަރީ ގައި އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރުނީ އެ މައްސަލަ ރަޖިސްޓްރީ ކުރުމަށެވެ.

އެތައް ގިނަ ހުރަސްތަކާއި ގޮންޖެހުންތަކާއި ބިރު ދެއްކުމާ ކުރިމަތިލައި މިއަދު ކޭސް ކާމިޔާބު ކޮށްފައި ވާ އިރު، އެ ކޭސްގެ ހަބަރުތައް ބަލަމުން ކިޔަމުން ދިޔަ ގިނަ ބަޔަކު ވަނީ އާފްރީންގެ ހިއްވަރަށް ތައުރީފް ކޮށްފައެވެ. އަދި ކުށްވެރިންނަށް ހައްގު އަދަބު ލިބުމުން އުފާ ކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.