ކުރިއަށް އޮތް ދެ ދުވަހު ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިރެއިން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭ ސަރަހައްދުގައި އާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް އެދި މެޓުން ބުނީ ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަަމަށެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން މިހެން ބުނެފައިވާއިރު މާލެއިން ފުރައިގެން ރ. މަޑުއްވަރީއަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.