ބްލީ ކުރުމަކީ ކޮބައިކަން އިތުރަށް ކިޔައި ނުދިނަސް ތަފާސްހިސާބުތަކުން ދައްކަނީ ކޮންމެ 5 އިން 1 އަކީ ބްލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖެއް ކަމެވެ. ނުވަތަ މީހެއް ކަމެވެ. ހަޔާތުގެ ކޮންމެވެސް އެއް މަރުހަލާއެއްގައި ބްލީ ކުރުން ނުވަތަ ގަނާ ކުރުމުގެ ޝިކާރަކަށް އިންސާނާ ވަނީ ތަފާތު ގިނަ ސަބަބުތަކާ ހެދިއެވެ.

ޖިންސުގެ ތަފާތު ކަމުން، ކުލައާއި ނަސަބުތެ ތަފާތު ކަމުން، ތޫނުފިލިކަމާއި ހިތްގާކަމުގެ ތަފާތު ކަމުން، ކުލަޔާއި ރޫފައިގެ ތަފާތު ކަމުން ގޮސް އެތައް ކަމަކީ ބްލީ އާ ކުރިމަތިވާ ސަބަބުތަކެވެ.

އެއް ލެޔެއް ހިނގާ އާއިލާ ގުޅުމުގެ ތެރޭގައި ވެސް ބްލީގެ ޝިކާރައަކަށް ވެފައި ތިބީ ކިތަންމެ ބައެކެވެ.

ވަނަމުން ގޮވުމާއި، އަޅާ ކިޔުމާއި، އަނެކާއަށް ވުރެ ތިމާ އަށް މޮޅުގޮތް ވާން އެދުމާއި، ހިތާވާ މީހުންނާއި ރައްޓެހިންނާއި ފައިސާ އާއި މުދާވެރިކަމާއި އާރާއި ބާރުގެ ތަފާތަކީވެސް މި ނުބައި ސިފަ، އުފަންވާ ކަމެކެވެ.

ދީނީ ނަޒަރަކުން ބަލާ އިރު، މީހުންނަށް ވަނަން ކިޔުމާއި ގަޒުފު ކުރުމާއި އަނިޔާވެރި ވުމާއި ކުފުރު ވުން ފަދަ ކަންކަމަކީ ފާސިގު ކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި މި މައުޟޫއާ ގުޅޭ ވާހަކަތައް އައިސްފައި ވާ އިރު، އުންމަތަށް ޝަހާދެއް ކިޔައިގެން ތިބި މުސްލިމުން އުޅެން ޖެހޭ ހަމަތަކާއި އުސޫލުތަކުން ބޭރުވީމައި މާ ބޮޑަށް ވެސް ހުތުރުވެއެވެ.

ދިވެހި ތާރީހުގެ ފަތްފުއްތަށް އުކާލާއިރު ވެރިކަމުގެ ދަހިވެތި ކަމުގައި އާއިލާގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުންތަކާއި ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އަދި ސިހުރު ހާހޫރައިގެ ނުބައިކަމުގެ އިތުރަށް މީހުން މެރުން ފަދަ ޖަރީމާތައް ވެސް ހިންގާފައި އެބަހުއްޓެވެ.

ވެރިކަމަކީ އޭގެ މަސްތުގައި ޖެހިއްޖެ ނަމަ، ފިލާނުދާ ނުބައި އަފިހުނެއް ފަދަ ވިހައެކެވެ. ބަދަލު ހިފުމާއި ނަފްރަތާއި ރުޅި، ތާއަބަދަށް ދެމި އޮންނަ ސުންޕާ ކަމެކެވެ.

މި މައުޟޫ ކުރުކޮށްފައި މެއި 29، 2023 ވީ ދުވަހުން ފަށާނަމަވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އިންނެވި މުހައްމަދު ނަޝީދު، ރިޔާސަތުގެ ހައިސިއްޔަތުން މެންބަރުންނަށް ހަނދާން ކޮށްދެއްވި ވަނަންތަކުގެ ވާހަކައެވެ.

"...ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫން އަބްދުލއްގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބްދުއްﷲ ޔާމީނަށް ރާނގޮނޑި ރާޖާ"
ރައީސް ނަޝީދު

ފަހުރުވެރިކަމާއެކު ނަޝީދު ވިދާޅުވީ، އެ ނަންނަތް މަޖިލީހާއި އެކިތަންތަނުގައި ކިޔާފައި ކަމަށާއި މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "ޗޯރު އިބްރޭ" ކިއީމާ އެކަމާ ހަމައިން ނައްޓައިގެން ދާ ވަރަށް ކަންބޮޑު ކުރުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ވަނަންތަކާއި އޭގެ ސިއްރު

މަޖިލީހުގެ މެންބަރުންނަށް އޮންނަ އިމްތިޔާޒެއްގެ ތެރެއިން ކޮންމެ ފަދަ 'އައުގުރާނައެއް ނުވަތަ ފަސާދައެއް' ކުރިޔަސް ފިޔަވަޅެއް ނޭޅޭ އިރު މަޖިލީހުގެ ތަޅުމުގައި ހިތުހުރި ވާހަކައެއް ދައްކާ، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަކީ އެވެރިންނަށް މާ ބޮޑުކަމަކަށް ނުވެއެވެ. ކުރިންވެސް މައުމޫނުގެ ވެރިކަން ވައްޓާލުމުގެ އޮއިވަރުގައި މާކަރީލައިޓް ހޮޓާފަދަ ތަންތަނުގެ ސައިމޭޒުން އުފަންވެގެން އައި ގޮޅާބޮލާ ހެދި މައުމޫން ފަކީރަށް ނޭވާލިޔަ ނުދިނެވެ. ގިނަ ދިވެހިންނަށް ގޮޅާބޮލަކީ ކޯއްޗެއްކަން ނޭނގުނަސް އެ އަންބާގައި ވާން ކުރިއެވެ. ވައިގައި ހިފިއެވެ. މައުމޫނުގެ ވެރިކަން ނިމިދިޔައީ އެ ފޯރީގައި ރައްޔިތުން އެއްކުރުވައިގެންނެވެ.

މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގަތީވެސް ނަޝީދެވެ. ނަޝީދަށް ވެސް ޖެހުނީ ހަމަ އެދަތުރެވެ. މީހާގެ އުޅުމާއި ކަން ކުރާ ގޮތާއި ދައްކާ ވާހަކައަށް ވަނަން ހަދާހެން ނަޝީދަށް ސަލާމަތްވެ ވަޑައިނުގެންނެވުނީ ގަންޖާބޮލުންނެވެ. އެ ވެރިކަން ދެއަހަރާއި ބައިން ވެއްޓިގެން ދިޔަފަހުން ދެން ވަޑައިގެންނެވި ރައީސް ވަހީދަށް ޖެހުނު ހާލު މާ ބޮޑެވެ. މާ ބާރަަށް މާ އަޑުހަރުކޮށް ނަޝީދު އުފަން ކުރުވީ ބާގީ ވަހީދެވެ. ބައެއް މީހުން ކާޅު ވަހީދޭވެސް ކިޔައި ނަން ހަރުކުރިއެވެ. އޭގެ ފަހުން ދެން ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީނެވެ. ޔާމީނަށް ހަރުކުރި ނަމަކީ ރާނގޮނޑި ރާޖާ އެވެ. ބައެއް މީހުން ވަގު ޔާމީނޭވެސް ކިޔައި ނަން ދިނެވެ.

ޔާމީންގެ ވެރިކަން ބަދަލު ކުރުމުގައި ވަނަމުގެ ބޭނުން ކުރި ނަމަވެސް މާ ބޮޑަކަށް ވަޔަކު ނުހިފިއެވެ. 5 އަހަރުގެ ދައުރު ނިމި ވެރިކަން ބަދަލުވީ ދާދި ހަނި ތަފާތަކުންނެވެ.

މިއަދު ޗޯރު އިބުރޭ އަމާޒު ކުރީ ރައީސް ސޯލިހަށެވެ. އެނަން އުފަން ކުރީ އިދިކޮޅު ޕީޕީއެމްގެ މެންބަރުން ކަމަށް ވިޔަސް، މަޖިލީހުގެ ރިޔާސަތުން މިހާރު އެނަން ރަސްމީ ކޮށްދިނީއެވެ. މައުމޫނަށް ގޮޅާބޯ ކިއި ގޮތަށް ރައީސް ސޯލިހަށް ޗޯރު އިބުރޭ ކިޔާ ސަބަބު ރައްޔިތުންނަކަށް ސާފެއް ނޫނެވެ. މީހަކަށް ވަނަމެއް ކިޔާ އިރު އެމީހަކު ކުރި ނުވަތަ ކުރާ ކަމަކާ ގުޅުވާ ކިޔާނަމަވެސް ޗޯރު ކިޔާ ސަބަބު އެހާ ސާފެއް ނޫނެވެ. އެ ސަބަބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ބައެއް ރައީސް ސޯލިހަށް ލިބިވަޑައިގެން ކަމަށް ތުހުމަތުކޮށް ދައްކާ ވާހަކައެއް ނަމަ، ނުވަތަ އެއީ މިސަރުކާރުގެ އެކި އެކި ކުންފުނިތަކުން ހިންގާ ކަންކަމުގައި ކޮރަޕްޝަން ހިމެނިފައި ވުން ކަމަށް ވާނަމަ ވެެސް 'ޗޯރު' އެހާ މުނާސަބު ކަމަކަށް ނުފެނެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓު އާންމު ވި އިރު ފައިސާ ދައުރުކޮށްފައި ހުރި ގޮތްތަކާއި މީހުންނާއި އަދަދުތައް އޮތް އިރު އޭގައި ރައީސް ސޯލިިހުގެ ނަމެއް ނެތެވެ. ކުންފުނިތަކުން ފަސާދަ ހިންގާ ވާހަކަ ނަމަ، އެކަން ބޮލުއަޅަން ޖެހޭނީ ކުންފުނިތަކުންނެވެ. އަދި އެއީ މިސަރުކާރަށް ވެގެން އެކަނި ވާ ކަމެއްވެސް ނޫނެވެ. ކުރީގެ ސަރުކާރު ތަކުގެ އެސްއޯއީތަކުގެ އޮޑިޓް ރިޕޯޓްތައް ބަލައިލީމާވެސް ފެންނަނީ އެއް މަންޒަރެކެވެ. އޮންނަނީ ކައި ހުސްކޮށްފައެވެ.

އިދިކޮޅު ޕާޓީތައް ބައިވެރިވި ހަވީރު ސައި ---

ހުރިހާ ވެސް ބޭނުމަކީ ވެރިކަން ފުރޮޅާލުން

ސިޔާސީ ކޯޅުމުގައި އާއިލާތައް ރޫޅި ދާއިރު، ވެރިކަމުގެ ދަހިވެތިކަން އިސްކޮށް ވަނަންތައް ކިޔަނީ ނުވަތަ ބުލީ ކުރަނީ ވެރިކަމުގައި ހުންނަ މީހާ ބަލިކޮށްލުމުގެ ބޭނުމުގައެވެ. ގިނަ ބަޔަކު އެއް އަޑަކުން، ތިމާ ނުރުހޭ ނަމަކުން ގޮވާނަމަ ނަފްސާނީ ގޮތުން ކުރާ އަސަރު ބޮޑުކަމުންނެވެ. ކުރިމަތިލާ ކަމެއްގައި ނެރެންޖެހޭ ފޯރާއި ޖޯޝް ކުޑަކޮށްލުމަށެވެ. މީހުންގެ ތެރެއަށް ނިކުމެ ސަލާންގަލާންކޮށް އުޅުމަށް ފަސް ޖެއްސުވުމަށެވެ. އަބަދުވެސް ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ބަހައްޓާ ބަލިކޮށްލުމަށެވެ.

ސިޔާސީ މައިދާނަކީ ހަލަބޮލި މައިދާނަކަށް ވާއިރު، އެ ރާޅު ކަނޑުގައި ހިފަހައްޓާ ލެވޭނީ ފިސާރި ހަރުހިލަ ހިތެއްގެ ވެރިއަކަށެވެ. ނުވަތަ ޑިކްޓޭޓަރަކަށެވެ. ކިޔާހާ ލަވަޔަކަށް ނވަތަ ޖަހާހާ ބެރަކަށް ނަށާން ވެއްޖެ ނަމަ އެމީހަކު ދެން ރަޖާލައިގެން ގޭގައި އޮންނަން ވީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނަންތައް ތަރުތީބު ކޮށް ރަސްމީ ކޮށްދިނުމަކީ ނުރައްކާ ބޮޑު ކަމެކެވެ. އާންމު ރައްޔިތުން ހޮވާފައި ތިބޭ ރައްޔިތުންގެ މަންދޫބުން ވަކި ގޮތަކަށް ކަމެއްގައި ސްޓޭމްޕް ކުރުމަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އެކަމެއް ފަސޭހައިން ބަލއިގަނެވި ގަބޫލު ކުރެވޭނެ ކަމެކެވެ. އެ ދުވަހު ރިޔާސަތުން އެ ނަން ރަސްމީ ކުރުމާއެކު، ޕީޕީއެމްއިން އިސްވެ އިންތިޒާމް ކޮށްގެން މާދަމާ ބާއްވާ "ކަނޑުވިއްކާލި" އެއްވުމަށް މީހުން އެއްކުރަން މުޅި މާލެ ތެރޭގައި އަޑުހަރުކޮށް ޖަހަމުން ދުއްވި ޕިކަޕުގައި ގޮވަމުން ދިޔައީވެސް ޗޯރެވެ. މާދަމާ ރޭގެ ޖަލްސާގައިވެސް ގޮވަން އޮތީ ޗޯރެވެ.

ސިޔާސީ މަސްރަހު ދެ ކަފިވެ ސަރުކާރާ އިދިކޮޅު ހުރިހާ ލީޑަރުން އެއް ވެވަކަށް އެރިތިބެ އެކުރާ ކަމަކީ ވެރިކަން ވައްޓާލުމަށް ހަޔާތްކަނޑާލުމެވެ. ހުތުރަސް ވެރިކަމުގެ ދަހިވެތިކަން އޮތީ އެ ހަގީގަތުގެ މަތީގައެވެ.