ބޭންކް އޮފް މޯލްޑިވްސްގެ ކާމިޔާބު މިނިގެން ދާނީ ކަސްޓަމަރުން ބޭންކިން މުއާމަލާތް ކުރަން 'ޖެހޭ' ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ކަސްޓަމަުންނަކީ ބޭންކިން މުއާމަލާތް ކުރަން 'އެދޭ' ބަޔަކަށް ބަދަލުކޮށްގެން ކަމަށާއި އެ ބަދަލު ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ކާލް ސްޓުމްކަ ވަނީ ބޭންކުގެ ކުރިމަގުގެ ތަސައްވަރު އަދި ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް އަލިއަޅުވާލާފައެވެ.

ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުން ވާންވާނީ އެ ބޭންކުގެ ސަގާފަތުގައި އަށަގެންފައިވާ އަދި އަހައްމިއްޔަތުދޭ ކަމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޕްރޮޑަކްޓްތަކާއި ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ އަދި ޓާގެޓް ސެގްމަންޓަށް މުހިންމު އަދި ބޭނުންތެރި ޕްރޮޑަކްޓް އަދި ހިދުމަތަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު އިންޓަރެސްޓް ރޭތް ދަށްކޮށް ކަސްތަމަރުންނަށް ލުއި ކޮށް ދިނުމަށް ކޮށްފައިވާ ވާހަކަތަކަށް ކާލް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން މި އަހަރު، ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ ވަަރަށް ބޮޑަށް ދަށްކޮށްފައި ކަން ފާހަގަ ކުރައްވަމުން ކާލް ވިދާޅުވީ އެ ލޯނުގެ އިންޓެރެސްތް ރޭޓް 5 ޕަސެންޓަށް ހަމަޖއްސާފައިވާ ކަމަށެވެ. އަދި ދައްކަންޖެހި ނުދައްކާ ހުންނަ ލޯނުތަކުން ނަގާ އިންޓްރެސްޓްގެ މަހުފީ ވެސް 2 ޕަސެންޓަށް ދައްކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ 9 ފަހަރަށް އިންޓްރެސްޓް ރޭޓް މަތި ކުރިނަމަވެސް އެ ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑު ނުކުރާ ކަަމަށާއި އޭގެ ބަދަލުގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާ ދަތިތަކަށް ވިސްނައި، އިތުރުވި ހަރަދުތައް މެނޭޖްކޮށްފައި ކަމަށް ކާލް ވިދާޅުވިއެވެ.

ޑިޖިޓަލައިޒޭޝަން އާ ގުޅޭގޮތުން ކާލް ވިދާޅުވީ. އެ ދާއިރާއިން ބީއެމްއެލުން ކުރިއެރުން ހޯދާފައިވީ ނަމަވެސް ޑިޖިޓަލް ދަތުރު ހުއްޓާނުލާ ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ހެދޭ ކުށްތައް މަދުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޭންކުގެ ހިދުމަތް ހޯދާނެ ގޮތާއި، ތަނާއި ވަގުތު ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްޓަކައި ފުރިހަމަ ގޮތުގައި އޮޓަމޭޓްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިހާރު މެނުއަލްކޮށް މަސައްކަތް ކުރަމުންދާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ބަދަލުގެނެސް ހަމަ މިދަނޑިވަޅުގައި އިތުރު ސެކިއުރިޓީ ކޮންޓްރޯލް އިތުރުކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ސަޕޯޓް ޕްލެޓްފޯމްތައް އިތުރުކުރަމަށް." ކާލް ސްޓުމްކަ

ބޭންކުގެ ސްޓްރެޓަޖީ ގައި ހިމެނޭ ދެމެހެއްޓެނިވި މަސައްކަތްތަކަށް އަލިއަޅުވާލަމުން ކާލް ވަނީ އެންވާރަމަންޓަލް، ސޯޝަލް އެންޑް ގަވާނަންސް (އީއެސްޖީ) ގެ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. ބޭންކް އަމިއްލަ މިސްރާބެއްގައި މަސައްކަތް ކުރާ އިރު އަދި ސްޓްރެޓަޖީ ދުވަހުން ދުވަހަށް ބަދަލުވަމުންދާ އިރު އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ކާލް ވިދާޅުވިއެވެ. މިއަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ އިރު، މި ބަލަނީ ހުރިހާ އޭޓީއެމްއަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް ކަމަށް ކާލް ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ބްރާންޗުތަކުގެ އަލަށް ކުރާ މަރާމަތުގެ މަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެމެހެއްޓެނެވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ ކުރިމަގާމެދު ވާހަކަ ދައްކަވަމުން ކާލް ވިދާޅުވީ، މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރާ ކަމަށާއި އެއީ ހުއްޓުވޭނެ ކަމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް ބޭންކުން މަސައްކަތް ކުރަމުން ދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށް ވުމަށް ކަމަށެވެ.. ރާއްޖޭގެ މާކެޓްގައި ލިބިފައިވާ ކުރިއެރުމާއެކު މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓްތަކާއި އާ މަގުތައް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.