ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދާ ދަ ޑިމޮކްރެސް އަށް ސޮއިކުރުމުން ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) މަގާމުން ވަކިކޮށްފިއެވެ.

ސްމިތް މަގާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީގައި ބުނީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އަށް ސޮއިކުރާ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަޒީފާތަކުން ވަކި ކުރުމަށް ނިންމާފައި ވާއިރު ސްމިތްގެ އިތުރުން އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ އާޝިޔަތު އަލައިކާ އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް ދިޔަ މީހުން ކަމަށާއި އެ ޕާޓީ ދޫކޮށްލުމުން އެ މަގާމުތަކުން އެމީހުން ވަކިކޮށް ދިނުމަށް އެމްޑީޕީން އެދިފައިވާ ކަމަށެވެ.

އާ ޕާޓީ ރަޖިސްޓްރީ ކުރުމަށް 3000 މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު ދާދި ފަހުން ވަނީ ނަޝީދުގެ މަންމަ އާއި ބައްޕަ ވެސް އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއަށް ސޮއި ކުރައްވާފައެވެ. ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައި އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އާ ޕާޓީ އާ ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާ މެދު ނޫސްވެރިން މީގެ ކުރިން ސުވާލުކުރުމުން، ނަޝީދުގެ އަރިސް މެންބަރުން ވަނީ އެކަން އެނގިވަޑައިގަންނަވާނީ ސީދާ ނަޝީދަށް ކަމަށް ވިދާޅުވެ، ޖަވާބެއް ދެއްވަން އުޒުރުވެވަޑައިގެންފައެވެ.

ދަ ޑިމްކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށް ދާއިރު އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނުގައި މިއަދު ވަނީ ޑިމޮކްރެޓްސް ގެ ހަރުގެ ވެސް ހުޅުވާފައެވެ.