ރަޝިއާގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި އިންވެގެން އޮންނަ ބެލަރޫސް އާއި ރަޝިއާގެ ޔޫނިއަން އާ ގުޅޭ ގައުމުތަކަށް ނިއުކްލިއާ ހަތިޔާރު ދޭން ބެލަރޫސުން ހުށަހަޅައިފިއެވެ.
ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުހަސެންކޯ ރަޝިއާ 1 ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބެލަރޫސް އާއި ރަޝިއާ އާ ދެމެދު އޮތް ފަދަ ގުޅުމެއް، ރަޝިއާ އާ ގާތް ކަޒަކިސްތާން ފަދަ ގައުމުތަކުން ރަޝިއާ އާއެކު ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
"ވަރަށް ފަސޭހަ، ރަޝިއާ އާއި ބެލަރޫސްގެ ޔޫނިއަން އާ ގުޅޭ، އެބަޔަކަށް ނިއުކްލިއާ ހަތިޔާރު ލިބޭނެ"
ރަޝިއާ އާއި ބެލަރޫސް އާ ދެމެދު ޔޫނިއަން ސަރުކާރެއް ގާއިމު ކުރުމުގެ އެއްބަސްވުން ހެދީ 1999 ގައެވެ. އެ އެއްބަސްވުމުގެ ދަށުން އިގްތިސޯދީ ގޮތުންނާއި، މައުލޫމާތާއި ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމާއި ބޯޑަރުގެ ސެކިއުރިޓީ އާ ގުޅެ ކަންކަމުގެ އިތުރުން ދެގައުމުން ގިނަ ދާއިރާތަކުން އެއްބާރުލުން ދީ ހިދުމަތާއި މުދަލާއި ވަސީލަތްވެސް ހިއްސާ ކުރެވޭނެއެވެ.
ޔޫނިއަން އާ ގުޅެން ލުހަސެންކޯ ދައުވަތު ދެއްވި އިރު، އެއީ ސީދާ ކޮން ބަޔަކަށް އަދި ކިހާ ފުޅާ މިނެއްގައި ހުޅުވާލެވޭ ދައުވަތެއް ކަމެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭނާގެ މި ހުށަހެޅުއްވުމާއެކު އެމެރިކާ އާއި ޔޫކްރައިން އަދި ރަޝިއާ އާ ދެކޮޅު ގައުމުތަކުން ކަނބޮޑުވާނެއެވެ. މިހާރު ހިނގަމުން ދާ ޔޫކްރައިން ހަނގުރާމައިގައި ވެސް ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ނުވަތަ އެޓޮމިކް ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރުގެ ވާހަކަތައް ހުޅަނގުން ދަނީ ފަތުރަމުންނެވެ.
ނިއުކްލިއާ ހަތިޔާރަކީ ކޮންމެ ކޮންމެ ގައުމަކަށް ގެންގުޅެވޭ އަދި ހޯދައިގަނެވޭ ހަތިޔާރަކަށް ނުވާ އިރު، ނިއުކްލިއާ ހަކަތައާ ބެހޭ އދ ގެ އިދާރާއިންވެސް އެ ކަމަކަށް ހުއްދައެއް ނުދެއެވެ.
ރަޝިއާ އާއި ބެލަރޫސް އާ ދެމެދު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ރަޝިއާގެ ނިއުކްލިއާ ގާބިލު ކަމުގެ ތެރެއިން ބައެއް ހަރިޔާރު ބެލަރޫސް އަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
"މިކަމާ ކަންބޮޑު ނުވޭ، އަހަރެމެން ޒިންމާ އުފުލާ ބަލަހައްޓާނަން، ހުރިހާ ކަމެއް ރަނގަޅުވާނެ"
ބެލަރޫސް އަށް ނިއުކްލިއާ ހަތިޔާރު ގެންދިޔަ ނަމަވެސް އެތަކެތީގެ ކޮންޓްރޯލް އޮންނާނީ ރަޝިއާ އަށެވެ. އެތަކެތި ޑިޕްލޯއީ ކުރުން ނުވަތަ ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް ބެލަރޫސް އަކަށް ނުދެއެވެ. ބަލަރޫސް ބޭނުން ކުރަނީ އެތަކެތި ގުދަން ކުރާތަނެއްގެ ގޮތުގައެވެ.
ރަޝިއާއިން ބެލަރޫސް އަށް ނިއުކްލިއާ ހަތިޔާރު ގެންދާ މައްސަލައިގައި ކަންބޮޑުވެ އެމެރިކާއިން އިރުއިރު ކޮޅާ އެވާހަކަ ދައްކާތީ ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ، އެކަމާ ގުޅިގެން އެމެރިކާއިން ރަޝިއާ އަށް ނަސޭހަތް ދޭން ނޫޅުމަށެވެ. އެމެރިކާއަކީ ގައުމުން ބޭރަށް އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރު ގެންދިޔަ ގައުމު ކަމަށާއި ޔޫރަޕާއި އެހެން ބައެއް ސަރަހައްދުތަކުގައި އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ރައްކާ ކޮށްފައި ހުރި ކަމަށެވެ.