ނިއުކްލިއާ ބާރުގެ ބޭނުންކޮށްގެން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ އިސްކަންދަރު-އެމް ކުރު ރާސްތާ މިސައިލް ނިޒާމްތައް ބެލަރޫސްއަށް ފޮނުވާދޭނެ ކަމަށް ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން އިއުލާން ކުރައްވައިފިއެވެ.

ރަޝިއާގެ އަވަށްޓެރި ބައިވެރިއެއްގެ ގޮތުގައި އޮތް ބެލަރޫސްއަށް ފޮނުވާ އިސްކަންދަރު-އެމް މިސައިލް ނިޒާމަކީ އާދައިގެ މިސައިލާއި ނިއުކްލިއާ މިސައިލް ހިމެނޭ ގޮތަށް ބެލިސްޓިކާއި ކުރޫޒް މިސައިލްވެސް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ ނިޒާމެއް ކަމަށެވެ.

އިސްކަންދަރު-އެމް ނިޒާމްތަކަކީ 500 ކިލޯމީޓަރު ނުވަތަ 310 މޭލުގެ ރާސްތާއަކަށް ހަމަލާ އަމާޒު ކުރުމަށް ބޭނުން ކުރެވޭނެ ނިޒާމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާއިން ބެލަރޫސްއަށް ނިއުކްލިއާ މިސައިލް ނިޒާމް ފޮނުވާނެ ކަމަށް އިއުލާން ކޮށްފައި ވާ މި ދަނޑިވަޅަކީ ރަޝިއާއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އިންތިހާއަށް ގުޅުން ހީނަރުވެފައި ވާ ދަނޑިވަޅެކެވެ. ރަޝިއާއާއި ހުޅަނގުގެ ބާރުތަކާ ދެމެދު ގުޅުން ހީނަރުވީ، ފެބުރިއަރީ 24 ވަނަ ދުވަހު، ޔޫކްރައިންގައި ރަޝިއާއިން ފެށި ހަނގުރާމައިގެ ސަބަބުންނެވެ.

އޭގެ ފަހުން، ދޭތެރެ ދޭތެރެއިން ޕޫޓިން ވަނީ ނިއުކްލިއާ ހަތިޔާރުތަކުގެ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެއީ "ހާއްސަ އަސްކަރީ އޮޕަރޭޝަން"ގެ ނަމުގައި ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ތެރެއަށް ހުޅަނގުން ނުވަނުމަށް ގޮވާލުމުގެ ގޮތުން ރަޝިއާއިން ދޭ އިންޒާރެއް ކަމަށް ބައެއް މީހުން ސިފަ ކުރެއެވެ.

ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައަށް އަދިވެސް މަޑުޖެހުން އައިސްފައި ނުވާ އިރު، ބެލަރޫސްއިންވެސް ހަމަލާތައް އަމާޒު ކޮށްފައި ވާ ކަމަށް ޔޫކްރައިނުން ބުނެއެވެ. ބެލަރޫސްއިން ވަނީ ލޮޖިސްޓިކްސްގެ ގޮތުން ރަޝިއާއަށް އެއްބާރުލުން ދީފައެވެ. ނަމަވެސް ބެލަރޫސްގެ ފައުޖުތަކުން ސީދާ ގޮތެއްގައި ހަނގުރާމައިގެ ތެރެއަށް ވަދެފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

މިސައިލް ހަމަލާތަކަކީ ހަމަލާތަކަކީ ހަނގުރާމައިގެ ތެރެއަށް ބެލަރޫސް ވެއްދުމަށް ރަޝިއާ ސަރުކާރުން ހިންގާ އަމަލެއް ކަމަށް، ޔޫކްރައިން ޖާސޫސީ ހިދުމަތްތަކުން ވަނީ ބުނެފައެވެ.