ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ވާގިވެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތް ކަމަށް ވާ ވާގްނާ އިން ޕޮލަންޑް ބޯޑަރާ ކައިރިއަށް ޖެހެމުން ދާތީ ނުތަނަވަސްކަން ބޮޑުވާން ފަށައިފިއެވެ.

ޕޮލަންޑަކީ ނޭޓޯގެ މެންބަރު ގައުމަކަށް ވާއިރު، ބެލަރޫސް އަކީ ރަޝިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮތް ގައުމެކެވެ.

ވާގްނާ އިން ރަޝިއާގެ އަސްކަރިއްޔާ އެންމެ އިސް ދެ ވެރިންނާ މެދު ހިތްހަމަ ނުޖެހި، މޮސްކޯ ހިފަން އުޅުމަށް ފަހު ފައިބައިގެން ގޮސް ބެލަރޫސްގައި ތިބި އިރު، އެ ޖަމާއަތުން ދަނީ ބެލަރޫސް ސިފައިން ތަމްރީން ކުރުމުގެ ނަމުގައި ޕޮލަންޑް ބޯޑަރާ ކައިރިއަށް ޖެހެމުންނެވެ. އެ ދެމެދުގައި އޮންނަ ހަނި ބޯޑަރު ހުރަސް ކޮށް ޕޮލަންޑްގެ ސަރަހައްދުގެ ތެރެއަށް އަސްކަރީ ތަމްރީނުތަކުގެ ހަރަކާތްތައް ވަންނަ ކަމަށް ޕޮލަންޑުން ބުނެއެވެ. އެގޮތުން ތިރިތިރިން އުދުހޭ ހެލޮކޮޕްޓަރުތައް ރާޑަރަށް ވެސް ނާރާހާ ތިރިން ޕޮލަންޑުގެ ސަރަހައްދަށް ވަންނަ ކަމަށާއި އެއީ އެގައުމުގެ އިހުތިސޯސްގެ ތެރެއަށް ވަނުން ކަމަށް ބުނެފައި ވެއެވެ.

މި ނުތަނަވަސްކަމާއެކު ޕޮލަންޑުން މިހާރު ދަނީ ބޯޑަރު ސަރަހައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ޖަމާ ކުރަމުންނެވެ.

މި މައްސަލައިގައި ބެލަރޫސް އިން ބުނެފައި ވަނީ، އެ ސަރަހައްދުގައި ހިނގަނީ ތަމްރީނުތަކެއް ކަަމަށާއި އެކަން ކުރިއަށް ގެންދަނީ ޕޮލަންޑް ސަރުކާރަށް ކުރީބައިގައި އަންގާފައި ކަމަށެވެ. ނަމަވެސް ޕޮލަންޑުން ބުނަނީ، ހެލިކޮޕްޓަރު ވަދެފައި ވަނީ ތަމްރީނު ހިންގާ ކަމަށް އެންގި ދިމާއިން ނޫން ކަމަށެވެ.

ބޯޑަރު ސަރަހައްދުގައި އުފެދެމުން އަންނަ މި ނުތަނަވަސް ކަމާއެކު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ، ޕޮލަންޑުން ބެލަރޫސް އަށް ހަމަލާއެއް ދީފި ނަމަ، ބަލާނީ އެއީ ރަޝިއާ އަށް ހަމާލާ ދިނުން ކަމަށާއި، އެފަދަ ގޯހެއް ނެހެދުމަށެވެ.

ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގައި ޕޮލަންޑަކީ ޔޫކްރައިންގެ ބައިވެރިއެކެވެ. ހުޅަނގުން ފޮނުވާ ހަތިޔާރާއި އެހެނިގެން ގިނަ އެހީ ޔޫކްރައިންގެ ތެރެއަށް ވައްދަނީ ޕޮަލަންޑް މަގުންނެވެ.