ނައީމާގެ މަރުގެ މައްސަލާގައި މާލެއިން 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައާ ގުޅިގެން ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހު ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ތިންވަނަ މީހާ މާލޭން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގައި 21 އަހަރަކު ޒުވާނަކު ހައްޔަރުކުރި ކަމަށް ބުނުން ފިޔަވައި ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ. ނައީމާ މަރާލި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މަނަދޫން ހައްޔަރުކުރި ދެ މީހުންގެ ތަފްސީލު ވެސް ފުލުހުން ނުދެއެވެ. ނަމަވެސް އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ހިމެނޭކަން ވަނީ ހާމަވެފައެވެ.

އެގޮތުން، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީގެ ދެ ތިން ދުވަހެއް ކުރިން ހައްޔަރުކުރި އުމުރުން 23 އަހަރުގެ އަހުޒަމް އަބްދުއްޝަކޫރު، ނައީމާ މަރާލި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް އިތުރު 14 ދުވަސް މަނަދޫގެ ކޯޓުން ވަނީ ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އަހުޒަމް ބަންދުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ހެކި ލިބި، ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީވެއެވެ.

ނައީމާ މަރާލި މައްސަލައިގައި ޝާމިލްވާ މީހުން ދަތުރުކުރި ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، އެ ކާރަކީ މިރޭ ހައްޔަރުކުރި 21 އަހަރުގެ ޒުވާނާގެ ކާރެވެ.