ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލާތު ރޭ 11:25 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު މީހަކާއި އަހަރު 19 އަހަރުގެ މީހަކަށް ކަމަށާއި މި ދެމީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި ދެމީހުންނަކީ ވެސް ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ދެ ސައިކަލް ވެސް ވެއްޓި ބޮޑެތި ގެއްލުންތައް ވެފައި ވާ އިރު ބިންމައްޗަށް ވެއްޓިފައި އޮތް 2 ފިރިހެނަކު ފެނެއެވެ. ފެންނަ ފެނުމަށް އެމީހުންނަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެ ދެ މީހުން ވެއްޓިފައި ތިބި އިތު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ ހަރަކާތްތެރި ވަމުން ދާ ތަންވެސް ވީޑިއޯ އިން ފެނެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް އަދި ލިބޭގޮތެއް ނުވެއެވެ.

ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހާއްސަ ކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.