މިދިޔަ ރޯދަ މަހުގެ ތެރޭގައި ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 20 އަހަރުގެ މީހާއަށް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފިއެވެ.

ނައީމާ މަރާ ގުޅިގެން ގިނަ ދުވަސްތަކެއްފަހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލާގައި 20 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުގެ ބަންދުގެ މުއްދަތު ޖެހުމަށްފަހު ވަކީލަކު އައްޔަން ކުރަން ފުރުސަތު ވަނީ ދީފައެވެ.

މީގެ ދެ ތިން ދުވަސް ކުރިން ނ. މަނަދޫ އުމުރުން 23 އަހަރުގެ އަހުޒަމް އަބްދުއްޝަކޫރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައި ވާއިރު އޭނާގެ ބަންދަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން އިތުރު 14 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ނައީމާގެ މަރާ ގުޅިގެން އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

އަހުޒަމް ބަންދުގައި ބެހެއްޓުމަށް ކޯޓު އަމުރު ނެރެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ލިބުމާއި ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އަދި ބަންދުން ދޫކޮށްލައިފިނަމަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އެ ރޭ ދަތުރުކުރި ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނައީމާގެ މަރުގެ ތަހުގީގަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން ދާކަން ފާހަގަކޮށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ތަހުގީގަށް މުހިންމު މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެތަކެތި ހޯދާފައި ވަނީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށް ފަހު ފަސްއަޅާ ފޮރުވާފައި ވާތަނެއް ކޮނެގެންނެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި އިސް ދައުރެއް އަދާކުރައްވަނީ އިންސްޕެކްޓަރު މުހައްމަދު ސާމިހް ކަމަށް ހަމީދު ވަނީ ވިދާޅުވިއެވެ. ނައީމާ މަރާލި މައްސަލަ ތަހްގީގުކުރުމަށްޓަކައި މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން ވަނީ މަނަދޫން ގިނަ ބައެއްގެ އިނގިލީގެ ނިޝާނާއި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައެވެ.

މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. ނައީމާގެ ގޭގެ ދޮރު ހަލާކު ކޮށްލައި ފުލުހުން ވަދެ ބެލިއިރު ފެނުނީ މަރާލާފައި އޮތް އޭނާގެ ހަށިގަނޑެވެ.