ދެކުނު ކޮރެއާގެ ދެކުނު ބިތުގެ ރަށެއް ކަމަށް ވާ ޖެޖޫ އައިލޭންޑުން ދައުގޫ އަށް ދަތުރު ކުރި އޭސިއާނާ އެއާލައިންގެ ބޯޓުގެ އެމަޖެންސީ ދޮރު ވައިގެ ތެރޭގައި ހުޅުވީ ހާސްވެގެން އަވަހަށް ފައިބަން ކަމަށް އެކަން ކުރި މީހާ އާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.
އެ ބޯޓު ދައުގޫއަށް ޖެއްސުމާއެކު އެމީހާ ފުލުހުން ހައްޔަރު ކޮށްފައި ވާ އިރު ސުވާލު ކުރުމުގެ މަރުހަލާގައި އޭނާ ބުނީ، އަދާ ކުރަމުން ދިޔަ ވަޒީފާ ދާދި ފަހުން ގެއްލުމާ ގުޅިގެން ކުރިމަތިވި މާޔޫސްކަމުގައި ނޭވާ ހާސްވާތީ އަވަހަށް ފައިބަން ދޮރު ހުޅުވީ ކަމަށެވެ. އަދި އޭނާއަށް ހީވީ ބޯޓު ޖައްސަން އޮތް ވަގުތަށް ވުރެ ވަގުތު އިތުރުވެއްޖެ ކަމަށާއި އެކަމަކާ ހާސްވެ ހުޅުވީ ކަމަށެވެ.
އުމުރުން 30 އަހަރުގެ އެމީހާ އަކީ ކާކުކަން ފުލުހުން ހާމަ ކޮށްފައި ނުވި ނަމަވެސް ތަހުގީގަށް ފަހު އޭނާ އާ ދެކޮޅަށް ދައުވާ ކުރުމަށް ދަނީ ވިސްނަމުންނެވެ.
އެއާބަސް އޭ321 މަރުކާގެ މި ބޯޓުން އޭރު ކުރޫއިންނާއެކު 200 މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ އިރު، ދޮރު ހުޅުވުުގެ ސަބަބުން ބޯޓުގެ ތެރެއަށް ވައި ވަދެ، ފަސެންޖަރުންގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔަ އިރު މީހުންގެ އިސްތަށިގަނޑު ދިޔައީ ވައިގެ ބާރު ޕްރެޝަރުގައި ވިހުރެމުންނެވެ.
އެންމެން ބަރުބާރުބާރަށް ގޮނޑިތަކުގައި ހިފަަހައްޓައިގެން ތިބި އިރު، ކުއްލިއަކަށް ބޯޓުގެ ތެރެއަށް ވައި ވަނުމުގެ ސަބަބުން ނޭވާލުމަށް އުނދަގޫވެ 12 މީހަކަށް ކުދިކުދި އަނިޔާ ލިބުނު ކަމަށާއި 9 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ބޯޓުގެ ދޮރު ހުޅުވި މީހާ އެކަން ކުރި އިރު، ބޯޓު އޮތީ ރަންވޭއާ 2-3 މިނެޓް، ނުވަތަ 240 ކިލޯމީޓަރު ދުރުގައެވެ. އުސް މިނަކީ ބިމުން ފެށިގެން 700 ފޫޓެވެ.
މި ހާދިސާ އާ ގުޅިގެން ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އާންމު ގޮތެއްގައި އިމަޖެންސީ ދޮރެއް ހުޅުޥޭނީ ބޯޓު ޖެއްސުމުން ނުވަތަ ބިމާ ކައިރިވުމުން ބޭރާއި އެތެރޭގެ ޕްރެޝަރު އެއްވަރުވެފައި ހުންނަ ނަމައެވެ.