ރާއްޖޭގެ ކޮންމެވެސް އެއް އެއާޕޯޓެއް، ދުނިޔޭގެ ވަރުގަދަ އެއާލައިން އޮޕަރޭޓަރެއްގެ ދެވަނަ ހަބެއްގެ ގޮތުގައި ހެދުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މުސްތަގްބަލުގައި ވަރުގަދަ އެއާލައިން އޮޕަރޭޓަރެއްގެ ހަބެއްގެ ގޮތުގައި، ރާއްޖޭގެ އެއާޕޯޓެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އަމީން ވިދާޅުވީ ހަނގުރާމަ ފަދަ ކަންކަމުގައި އެންމެ ބޮޑަށް އަސަރު ކުރަނީ، ފަސް ތަރީގެ އެއާލައިންތަކަށާއި މެދުއިރުމަތީގެ އެއާލައިންތަކުން ކުރަމުންދާ ދަތުރުތަކަށެވެ. އެހެންކަމުން އޭގެ ނޭދެވޭ އަސަރު ކުޑަ ކުރުމަށް މިއީ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ދެކުނާއި އުތުރުގެ އެ ފުރުސަތު އެބަ އޮތް ކަމަށާއި އެފަދަ ސެކަންޑަރީ ހަބެއްގެ ގޮތުގައި ވަރުގަަދަ އެއާލައިނެއް އުފެއްދޭތޯ މަސައްކަތް ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"ރާއްޖޭގައި އެ އޮޕަޗުނިޓީސް އެބަ އޮތް، ރާއްޖޭގެ ދެކުނާއި އުތުރުގެ އެ ފުރުސަތު އެބަ އޮތް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، އެގޮތަށް ސެކަންޑަރީ ހަބެއްގެ ގޮތުގައި ވަރުގަަދަ އެއާލައިނެއްގެ އުފެއްދޭތޯ، އެވެސް އަޅުގަނޑުމެންގެ ލޯންގް ޓާމް ޕްލޭންގައި މަސައްކަތް ކުރަމުންދާ ކަންތައް،".
އަމީން

ހަމަ އެހެންމެ ފަތުރުވެރިން އިތުރު ކުރެވޭނެ ގޮތްތައް ހެދުމަށް، ލޯ ކޯސްޓް ކެރިއާތައް ރާއްޖެއަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ހުޅުވާލަން ޖެހޭ ކަަމަށާއި އެފަދަ ކެރިއަރުތަކަށް ތަފާތު ސެޓްއަޕެއް ބޭރުގެ އެހެން ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ހުންނަ ކަމަށް ވެއެވެ. އެހެންކަމުން ދުރު ރާސްތާ ޕްލޭންގައި ގެންނަ ބަދަލުތަކުގެ ތެރޭގައި ސަރުކާރުން އެފަދަ އެއާލައިންތައް ރާއްޖެ ގެނައުމަށް ފުރުސަތުތައް ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖެއިން މިފަދަ ކަމަކާމެދު ވިސްނަމުންދާއިރު ދާދިފަހުން ފަޅުކޮށް އޮންނަ ލަންކާގެ މައްޓަލަ އެއާޕޯޓަކީ, އެމިރޭޓްސް އާއި ގަރަތު ކަހަލަ ބޮޑު އެއާލައިނެއްގެ ބެކްޕް ޕްލޭނަކަށް ހެދުމުގެ މަސައްކަތް އެ ގައުމުގެ އޮފިޝަލުން ވަނީ ފަށާފައެވެ.

'ގޯސްޓް އެއާޕޯޓް' ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އެ އެއާޕޯޓަށް ޖައްސާނެ ފްލައިޓެއް ނެތި ހުސްކަމެއްގައި އޮއްވާ, މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ އެއާލައިންތަކުގެ ދަތުރުފަތުރަށް ބުރޫއަރާފައި ވަނިކޮށް އޭވިއޭޝަން ދާއިރާގެ އޮފިޝަލުން ފެށި މާކެޓިން ހަރަކާތާއެކު އެ ހިޔާލު މިހާރުވަނީ ވައިގައި ހިފައި ގަރަތާއި އެމިރޭޓްސްގެ ވެރިންގެ ސަމާލުކަން ލިބިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން, ލަންކާގެ ބައެއް އޮފިޝަލުންގެ ހުށަހެޅުމާމެދު އެ އެއާލައިންތަކުން މިހާރު ވަނީ ވިސްނަން ފަށާފައެވެ.