ދުބާއީން ރާއްޖެއަށް މުދާ އުފުލުމަށްޓަކައި ފްލައިދުބާއީގެ ހާއްސަ ކާގޯ ފްލައިޓްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
މި ދަތުރުތަކާއި ގުޅޭ ގޮތުން ފިރާގް ވިދާޅުވީ ދުބާއީގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު (ޑީޑަބްލިއުސީ) އިން މާލެއަށް ކުރާ މި ދަތުރުތައް ފެށުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ކެބިންގައި މުދާ އުފުލާ ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 29 ގެ ނިޔަލަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީ ހަނގުރާމައިގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި ފްލައިދުބާއީން އިސްނަގައިގެން މިފަދަ ދަތުރުތަކެއް ފެށުމަކީ ވަރަށް ބޮޑަށް ބަލައިގަންނަކަމެއްކަން ފާހަގަކުރައްވަމުން ފިރާގް ވިދާޅުވީ މިއީ ފްލައިދުބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް "ކާގޯ-އިން-ކެބިން" ނުވަތަ ބޯޓުގެ ކޭބިންގައި މުދާ އުފުލާ ގޮތަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.
މީގެ އިތުރުން ފިރާގް ވިދާޅުވީ ކާގޯ އިން ކެބިން ފްލައިޓް ގެނެއުމުގެ ކޮންސެޕްޓަކީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން އިކޮނޮމިކް މިނިސްޓަރު ސައީދު އިސްނަގައިގެން ދެކެވުނު ވާހަކައެއްގެ މައްޗައް ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި މި ދަތުރުތައް މި ބޭއްވެނީ ބޭނުންވާ ހާއްސަ މުދާ އަވަސް ގޮތަކަށް ގެނައުމުގައި އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ފިރާގް ވިދާޅުވީ މިނިސްޓަރު ސައީދު، ކުރިއަށް ވިސްނުމުގެ ސަބަބުން، ދަތި ދުވަސްވަރެއްގައި ގުޅުން ދެމެހެއްޓުމަށާއި، ސަޕްލައި ޗޭންތަކަށް ސަޕޯޓް ދިނުމަށް އަމަލީ ހައްލުތަކެއް ހޯދުމުގެ ދޮރު ހުޅުވި ޝިޕަރުންނާއި ވާހަކަ ދެކެވިގެން ދިޔަކަމަށެވެ. "މި މަސައްކަތަށް އެއްވެސް ކްރެޑިޓެއް ދޭން ޖެހިއްޖެ ނަމަ، އެންމެ ބޭނުންވި ވަގުތު އެ ހިޔާލު ކުރިއަށް ގެންގޮސްދެއްވިކަމަށްޓަކައި މިނިސްޓަރު ސައީދަށް ހައްގު ގޮތުގައި ކުރެޑިޓު ދާންޖެހޭ. އިރާދަކުރެއްވިޔާ މިމަހުގެ 16 ވަނަދުވަހު މިދެންނެވުނު ދަތުރުތަށް ފެށޭނެ" ފިރާގް ވިދާޅުވިއެވެ.
އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްއިން ރާއްޖޭގައި ފްލައިދުބާއީގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ފްލައިދުބާއީއަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ދަތުރުތައް ކުރަމުން އަންނަ އެއާލައިނެކެވެ.
