އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި މާދަމައިން ފެށިގެން އެ ތަން ވަގުތީގޮތުން ބަންދުކޮށް، ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލާ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި ކައުންސިލުން ބުނީ، އާސަހަރާ ތަރައްގީ ކުރުމަށް ނިންމައި، އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މާދަމާ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށާއި، މަސައްކަތް ކުރިއަށްދާ ވަގުތު މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދާނީ ހުޅުމާލެ ސަހަރާގައި ކަމަށެވެ.

ނަމާދު ވަގުތުތައް ފިޔަވައި އެހެނިހެން ވަގުތުތަކުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށާއި، އާސަހަރާ ބަންދުކުރި ނަމަވެސް، އާސަހަރާ މިސްކިތުގައި ނަމާދުކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި، އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އެ ތަނުގެ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ދެ މަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަށް އާންމުކޮށް އެކަން އަންގާނެ ކަމަށް ވެސް ބުންޏެވެ.