މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) 3.6 މިލިއަން ރުފިޔާ ދީގެން އޭނާގެ ބައްޕަ ލައްވާ ގަތް ބޯޓުގެ މައްސަލައިގައި ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކައިޒީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ބައްޕަ އަށް 3.6 މިލިއަން ރުފިޔާ ހަވާލުކޮށް ބޯޓެއް ގަތުމަށް ދިނުމުން، އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅު އެ ފައިސާ އިން ބޯޓު ގަނެ އޭނާގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާތީ ކައިޒީންގެ ނަން މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް އެދިއެވެ.

"މިހިރީ ނަންބަރު 5"ގެ ނަމުގައި އިބްރާހީމްގެ ނަން މައްޗަށް ރަޖިސްޓްރީކުރި އެ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށާއި، ކައިޒީންގެ ބައްޕަގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައި ވަނީ އޭނާގެ ރުހުމާ ނުލާ ކަމަށް، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އެ މައްސަލައިގައި ކައިޒީން އެދުނީ:

  • އޭނާގެ ނަން މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް
  • މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާގެ ރުހުން ނެތި ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް

ހައި ކޯޓުން ކުރި އަމުރުގައިބުނީ، ގައިރު ހާޒިރުގައި ހުކުމް ކުރުމާ މެދު ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފި ނަމަ އެ މައްސަލައިގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި މީގެ ކުރިން އިބްރާހީމްގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަތީކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށާއި ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ.