މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) 3.6 މިލިއަން ރުފިޔާ ދީ، އޭނާގެ ބައްޕަ ލައްވާ ބޯޓެއް ގަތުމުގެ މައްސަލައިގައި އެ ބޯޓު ގަތީ ކައިޒީން ފައިސާ ދީގެން ކަން ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ކައިޒީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ބައްޕަ އަށް 3.6 މިލިއަން ރުފިޔާ ހަވާލުކޮށް ބޯޓެއް ގަތުމަށް ދިނުމުން، އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅު އެ ފައިސާ އިން ބޯޓު ގަނެ އޭނާގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައި ވާތީ ކައިޒީންގެ ނަން މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކޮށް ދިނުމަށް އެދިއެވެ.
އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ. އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކޮށްފައެވެ. އެ މައްސަލާގައި ޣައިރު ހާޒިރުގައި ހުކުމް ކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލުކުރާ ކަމަށް ހުކުމުގައި ވެއެވެ.
މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ކައިޒީންގެ ބައްޕެގެ ނަންމަތީގައިވާ ބޯޓު ""މިހިރީ ނަންބަރު5" ގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމުގައި ކަނޑައަޅައި ދެވެން ނެތް ކަމަށެވެ. އަދި މި ހުކުމް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ބޯޓު ކައިޒީން ގަނެފައި ވަނީ 3،600،000 ރުފިޔާއަށް ކަން ޝަފަހީ ހެކިންގެ ހެކިބަހުން ތާބިތުވާ ކަމަށެވެ. އެ ގޮތުން ކައިޒީންގެ ބައްޕައަށް 1،700،000 ރުފިޔާ ދިން ކަން ސާބިތުކޮށް ދިނުމަށް ބޭންކް ސްޓޭޓްމަންޓަކާއި 1،900،000 ރފުިޔާ ދިން ކަން ސާބިތުކޮށް ދިނުމަށް ދެ ހެކިވެރިންގެ ބަޔާން ހުށަހަޅާފައި ވެއެވެ. އަދި ބޭންކް ސްޓޭޓްމަންޓް ދެއްކި އަދަދު ހަމަވާ ވަރަށް އެކި ަހަރު މަތިން އޭނާގެ ބައްޕަގެ އެކައުންޓަށް އިންޓަނެޓް ބޭންކިން މެދުވެރިކޮސް ފައިސާ ފޮނުވާފައި ވެއެވެ.
ކައިޒީންގެ ބައްޕަ އިބްރާހިމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށް އެ ހުކުމުގައި ބުނެފައި ވެއެވެ. އެއީ އެ ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކިވެރިޔާގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާއާ މެދު ސުވާލު އުފެދޭތީ ކަމަށް ހުކުމްގައި ވެއެވެ.