މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރުމަށް މާލޭގެ އުސްފަސްގަނޑުގައި އޭނާ ބޭއްވި ކޭކްފެޅުމުގެ ހަރަކާތުގައި އެއްވެސް ފަރާތަކަށް 'ޕާސަނަލް ސެކިއުރިޓީ' ފޯރުކޮށްދީފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 29 ވަނަ ދުވަހު ދިވެހި މޮޑެލް ފާތިމަތު ޒަޔާން، (ކައިޒީން) ގެ އުފަންދުވަސް ފާހަގަކުރުމަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ކޭކް ފަޅާ، ހަވާއަރުވާފައެވެ. ހަވާއަރުވާތަން ބަލަން ބައެއް މީހުން އެ ސަރަހައްދަށް އެއްވިއިރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ އިން ކައިޒީން ކާރަށް އަރަން ދާއިރު ޕާސަނަލް ސެކިއުރިޓީން އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދޭ މަންޒަރު ފެނިގެން ދެއެވެ. މިކަމާ ގުޅިގެން ބައެއް މީހުން ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔާ 'ޕާސަނަލް ސެކިއުރިޓީ' ފޯރުކޮށްދިނުމަށް އޮންނަ އުސޫލާ ގުޅޭ ގޮތުން އަންނަނީ ސުވާލު ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހު 29 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ހަވާއެރުވިއިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައި ވާކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައި ވަނީ ހަވާ އެރުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައި ވާތީ، އާންމު އުސޫލުން ރައްޔިތުންގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ އިވެންޓާ ގުޅިގެން އެއްވެސް ފަރާތަކަށް 'ޕާސަނަލް ސެކިއުރިޓީ' ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.