ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގެ ނަތީޖާއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް 38 ޕަސެންޓް ވޯޓު ހަމަވީވެސް މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އެމްޑީޕީއާ ގުޅުމުން ކަމަށް ރައްޔިޔުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، ހީވާ ގޮތުގައި މިހާރު ވެސް ރައީސް ސޯލިހް ހުންނެވީ 29 ޕަސެންޓްގައި ކަމަށާއި 38 ޕަސެންޓް ވޯޓު ހަމަވީވެސް ކައިޒީން ދިޔަ ކަމުން ކަމަށެވެ.

ކައިޒީން އެމްޑިޕީއާ ގުޅިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ވޯޓު ލާ ދުވަހާ ވަރަށް ގާތްވެފައި ވަނިކޮށް ކައިޒީންގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު އަށް 101،635 (46.06 ޕަސެންޓް) ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 (39.05 ޕަސެންޓް) ވޯޓެވެ.

މިހާރު މި ދެބޭފުޅުން ވެސް އަންނަނީ ދެވަނަ ބުރަށް ތައްޔާރު ވުމުގެ ގޮތުން ކެމްޕެއިން ހަރަކާތް ހިންގަމުންނެވެ. ދެވަނަ ބުރުގެ ވޯޓު ލުން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.