މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަހަރުު ހައްޖަށް ދާން ހޮވުނު 5 މުވައްޒަފުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލްއިން ބުނީ 2019 ވަނަ އަހަރު ކޮވިޑާއި ގުޅިގެން ކުންފުނީގެ ހަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައި މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައިވަނީ މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ.

އެމްއޭސީއެލްގެ ހައްޖު ސްޕޮންސާޝިޕަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސާޝިޕެއްކަން ފާހަގަކޮށް އެމްއޭސީއެލްއިން ބުނީ ކޮވިޑާއި ގުޅިގެން މެދުކެޑިފައި އޮތުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭ ގޮތްވުމާއިއެކު މިދިޔަ އަހަރުން ފެށިގެން ހައްޖު ކޯޓާ ހޯދުމަށް އެމްއޭސީއެލް އިން ކަމާބެހޭ ފަރާތްތަކާއެކު ދިޔައީ މަޝްވަރާކުރަމުން ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ އެހުރިހާ ކަމަކާއެކު އިސްލާމިކް މިނިސްޓްރީއިން ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން އެ ކުންފުންޏަށް 5 ޖާގަ ހަމަޖައްސައިދީފައިވާ ކަމަށެވެ.

ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ތޯހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށްވެސް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ސްޕޮންސާޝިޕަކީވެސް އެގޮތުން ފާހަގަކުރެވޭ ކާމިޔާބީއެއްކަމަށް ތޯހާ ވިދާޅުވިއެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ މި އަހަރު ހައްޖު ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށެވެ.