ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް, ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާ އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާ އަދި އެތަން ހުޅުުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފަ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެއްކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް ބުނީ އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވާކަމަށެވެ. އަދި އޭގެ އިތުރުން އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި ޓްރަޔަލް ކުރިއަށް ގެންދެވި ގޮތް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ބައްލަވާލެއްވިއިރު އެކަމުގައި އަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ސީއީއޯ ޝަރީފެވެ. ސީއީއޯ ޝަރީފުގެ އިތުރުން އެ ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި ޓްރަޔަލްއަށްފަހު ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޝަރީފު ވިދާޅުވީ އެމްއޭސީއެލްއާ ގުޅިގެން މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކުގެ ޓްރަޔަލްތައް މިއަދު ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޔަގީންކުރައްވާ! މިއޮތީ މިކަން ފައްޓާފައި. މިކަން ފެށިފައި. ކުރިއަށް އޮތީ ވަރަށް ބާރު ސްޕީޑުގައި މަތިންދާބޯޓުތައް ގެނެސް, ރަސްމީކޮށް މިތަން ހުޅުވުން. މުވައްޒަފުން ތިބީ ވަރަށް އުފަލުގައި, ވަރަށް ވަރުގަދަ ގައުމީ ރޫހެއްގައި,"

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ. އެއަށްފަހު މިއަހުރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަގްވާމީ ގިނަ އެއލައިންތަކުގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރެވިގެން ދާނެއެވެ.