ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގައި ސްޓެލްކޯއާ އެއްހަމައަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯއިން މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީއާ ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސް ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފެނާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ ކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ރާއްޖޭގެ ދެވަނައެއް ނެތް ކުންފުންޏެއް ކަމުގައެވެ. އަދި ކަރަންޓު ފޯރުކޮށްދިނުމުގައި އެ ކުންފުންޏާ އެއްހަމައަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ.

"ފެނާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ. އަޅުގަނޑުމެންނަކީ ރާއްޖޭގެ ދެވަނައެއް ނެތް ކުންފުންޏެއް. ކަރަންޓުގެ ހިދުމަތުގައި. ކަރަންޓު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނާއި، އެއްހަމައަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް.
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް

މީގެއިތުރުން ޝަރީފް ވިދާޅުވީ އެ ކުންފުނީގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިން ވެސް ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. ފެނާއި ނަރުދަމާއަކީ ސްޓެލްކޯއަށް އާ ދެ ހިދުމަތް ކަމަށް ވުމުން އެކަމާ ގުޅޭ މައުލޫމާތާއި ތަޖުރިބާ އިތުރަށް ބޭނުންވާ ކަން ވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ސްޓެލްކޯއިން ހިންގި 2 ކޯހުގައި ޖުމްލަ 89 މުވައްޒަފަކު ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައި ވެއެވެ. ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި 66 މުވައްޒަފުން ބައިވެރިވެފައި ވާއިރު ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި ބައިވެރިވެފައި ވަނީ 23 މުވައްޒަފުންނެވެ.

ޝަރީފް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަގުސަދަކީ ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށްފއިވާ އިލްމީ އަދި ފަންނީ ގޮތުން ގާބިލް ހުނަރުވެރި މުވައްޒަފުން ތަކެއް ކަމުގައި ހެދުން ކަމަށެވެ.