ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކޮށްފިއެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ބުދަ ދުވަހަށް އެޖެންޑާ ކޮށްފައި ވާއިރު ޝާހިދުގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ. އަދި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ތާވަލް ކޮށްފައެވެ.
ރިފްއަތު އަދި ޝާހިދުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހެމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި އެމްއެންޕީ އަދި ޖުމްހޫރީގެ ޕާޓީގެ މެންބަރުން ގުޅިގެންނެވެ. އީވާ ވަކިކުރަން އެމްޑީޕީއިން ހުށަހަޅާފައި ވަނީ އެ ޕާޓީއިން ވަކިވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އިސްވެ އުފެއްދި "ދަ ޑިމޮކްރެޓްސް" ގެ މަސައްކަތްތައް ކުރައްވަން ފެއްޓެވުމުންނެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އީވާ ވަކި ކުރަން އެމްޑީޕީއިން ހުށަހަޅާފައި ވަނީ 50 މެމްބަރުންގެ ސޮޔާ އެކުގައެވެ.
މީގެ ކުރިން އީވާ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މަގާމު ދިފާއު ކުރުމަށްޓަކައި ސިޔާސީ ބޮޑު ކަސްތޮޅެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.