އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް އެ ޕާޓީއިން ބުނެފިއެވެ.
އެމްއާރްއެމްއިން ބުނީ އެކަން ސާބިތުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާ ކަމަށެވެ.
ސިޔާސީ އެއްވެސް ހަރަކާތެއް ނު ހިންގުމަށް އީސީއިން އެ ޕާޓީއަށް މިއަދު އަންގާފައި ވުމުން އެ ޕާޓީން ވަނީ ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީތަކާއި، ގުނަވަންތަކާއި، ގޮފިތަކުން ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް މެންބަރުންގެ ކިބައިން އެދިފައެވެ. އަދި މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ދޭ އެއްބާރުލުން ފާހަގަކޮށް އިސްލާހީ މަސައްކަތުގައި ދެމިތިބުމަށް ވެސް އެ ޕާޓީއިން ވަނީ އެދިފައެވެ.
އެމްއާރްއެމްގައި 3000 މެންބަރުން ހަމަނުވުމާ ގުޅިގެން ޕާޓީ އުވާލަން އިސީއިން ނިންމާފައި ވާއިރު ޕާޓީގެ ދަރަންޏެއް އޮތްނަމަ އީސީއަށް އެންގުމަށް ވެސް ވަނީ އިއުލާނު ކޮށްފައެވެ.
އެމްއާރްއެމުން ބުނެފައި ޕާޓީގައި މެންބަރުން ހަމަވާނެ ކަމަށާއި 3100 މެންބަރުން ހަމަކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާފައި ވާނެ ކަމަށެވެ. މީގެ އިތުރުން އެ ޕާޓީ އުވާލަން އުޅޭ ކަމުގެ އެއްވެސް ވާހަކައެއް އީސީން ނާންގާ ކަމަށާއި އަދި އެފަދަ މައުލޫމާތެއް އެ ޕާޓީއާ ހިއްސާކޮށްފައި ނުވާ ކަމަށް ވެސް އެމްއާރްއެމުން ބުނެއެވެ.
އެ ޕާޓީއިން މުއްދަތު ހަމަވުމުގެ ކުރިން ފޯމް ހުށަހެޅި ކަަމަށް ބުނާ ވާހަކައާ ގުޅިގެން އީސީއިން ބުނީ އެ ކޮމިޝަނަށް 140 ފޯމް ހުށަހެޅި ކަަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ އިދާރީ މަރުހަލާގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ސައްހަ ވީ 66 ފޯމް ކަމަށެވެ. އަދި ދާދި ފަހުން އެ ޕާޓީގައި އިސްކޮށް އުޅުއްވި ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށާއި އެ މެންބަރުންނާ އެކު ވެސް އިތުރު މެންބަރުންތައް ކެނޑެން އީސީއަށް ފޯމް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީ ކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ ދަށް ވެއްޖެނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.