މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ފުރަވީރު މިއުޒިކް ޝޯ އާ ގުޅިގެން މިރޭ 11 ޖަހާއިރު، ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި 5 މިނެޓަށް ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުރަވީރު މިއުޒިކް ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00ގައެވެ. މި ޝޯގައި އެކި ހުނަރުތަކާއި، އެކި ހުށަހެޅުންތަކާއެކު ކުރިއަށްގެންދާ އިވެންޓެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ ފްރީސްޓައިލް ކިންގް ސައިފް ޒާހިރު (ސުޕަމޭން)ގެ ފުޓުބޯޅައިގެ ޗަރުކޭހަކާއި ބޮޑުބެރާއި ލައިވް މިއުޒިކާއި އަލިފާނުގެ ހުނަރު ދައްކާލަދޭ "ފަޔާ ޑާންސް" އާއި ސްޓޭޖް ޝޯއެއް ވެސް ހިމެނެއެވެ.

މީގެ ކުރިން ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، "ސިފްކޯ" އިން ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ތަފާތު ހަފްލާތަކުގައި އެކި އެކި މުނާސަބާތައް ފާހަގަކުރުމަށް ހަވާ އަރުވައެވެ.

އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފާވެއެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ހަވާ އަރުވާފައިވާއިރު އީދުތަކާ ދިމާކޮށް ރަށް ރަށަށް ގޮސްވެސް ވިޔަފާރި އުސޫލުން ހަވާއަރުވަދެއެވެ.