އެކައުންޓުގެ ތަފްސީލް ބެލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އީމެއިލް ލިންކް ނުފޮނުވާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ދުވަސްވަރު ބީއެމްއެލްގެ ނަމުގައި މެއިލްކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގް މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ބީއެމްއެލް އިން ވަނީ "ފްރޮމް" ފީލްޑްގައި ފޮނުވާ ފަރާތް ބްލޮކްކޮށް އީމެއިލް ޑިލީޓް ކުރުމަށް ކަސްޓަމަރުންނަށް ނަސޭހަތްތެރިވެފައެވެ. އަދި ބީއެމްއެލް އިން ޓްރާންސެކްޝަން ނުވަތަ އެކައުންޓުގެ ތަފްސީލް ބެލުމަށް އީމެއިލް ލިންކް ނުފޮނުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެކި ނަންނަމުގައި މީހުން ގުޅާ، ބީއެމްއެލް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ އެކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އެދެމުންނެވެ.

ބީއެމްއެލްއަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލައާއި ކާކުކަން ނޭގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހަމައެއާއެކު އޮންލައިން ޕޭޖުތަކުން މުދާގަންނަން ފައިސާ ދެއްކުމުން މުދާ ނުލިބި އަދި ފައިސާ ނުލިބޭކަމުގެ ޝަކުތައް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފަދަ ކަންކަމުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.