ކުރިއަށް އޮތް ބޮޑު އީދު ގައި 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މި ހަފްތާގެ ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ބޮޑު އީދުގައި އުރީދޫ އާ ގުޅިގެން އުޟްހިޔާ ކަތިލުމުގެ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް މިއަހަރު ގިނަ ސްޕޮންސަރުން ހޯދައިގެން ފުޅާކޮށް އެކަން ކުރަން ބޭނުންވާ ކަމަށެވެ.

އީދު ދުވަހު ބަކަރި ކަތިލުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ، ކުރިއަށް އޮތް ބޮޑު އީދު ދުވަހު 100 ބަކަރި ކަތިލަން ކައުންސިލުން ރާވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރު ރާވާފައި އޮތީ ބަކަރިތައް ކަތިލުމަށް ފަހު އާންމުންނަށް ބެހުމަށެވެ.

"އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ ކަހަލަ ތަންތަން ހިމެނޭ ގޮތަށް އަޅުގަނޑުމެން މިކަން ޕްލޭން ކުރެވިފަ މި އޮތީ،" ރަމީޒް ވިދާޅުވިއެވެ.

ކައުންސިލުން މިހާރު މަސައްކަތް ކުރަނީ ސްޕޮންސަރުންގެ ގޮތުގައި ފައިސާގެ އެހީ ލިބޭތޯ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހަރަކާތް ކުރިއަށް ގެންދިއުމަށް އިއްޔެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ.