އުމަރު ޒާހިރު އޮފީސް އިމާރާތަށް ކަރަންޓުގެ މަސައްކަތްތަކެއް ކުރާތީ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ކުރިއަށް އޮތް ދެ ދުވަހަށް މެދުކެނޑިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީ މިހާރު ހިންގަމުންދާ އުމަރު ޒާހިރު އޮފީސް އިމާރާތަށް ކަރަންޓު ދިނުމަށް އިމާރާތުގެ ބޭރުގައި ބަހައްޓާފައި ހުރި ވަގުތީ އޮއިލް ޓްރާންސްފޯމަރު ޑްރައި ޓްރާންސްފޯމަރަކަށް ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން އަންނަނީ ކުރަމުންނެވެ.
އެ މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މި މަސައްކަތް ކުރަމަށް ހަމަޖެހިފައި ވާތީ އެ ވަގުތުތަކުގައި މިނިސްޓްރީން ކަރަންޓް ކެނޑިފައި ހުންނާނެތީ ވެ، އެ ދެ ދުވަހު އެ މިނިސްޓްރީން ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ތަކުގައި މިނިސްޓްރީގެ ހިދުމަތްތައް މެދު ކެނޑިގެން ދާނެ ކަމަށެވެ. މިކަމާ ގުޅިގެން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ހެދި ފުރަތަމަ އޮފީސް އިމާރާތް ކަމަށްވާ އުމަރު ޒާހިރުގެ އޮފީސް ހުޅުވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އެ އިމާރާތަށް ބަދަލުކޮށްފައި ވަނީ ވެސް އެ ދުވަސްވަރުއެވެ. އެ މިނިސްޓްރީއަކީ ދަތުރުފަތުރާ ގުޅޭ ވަރަށް ގިނަ ހިދުމަތްތަކެއް މިހާރުވެސް އޮންލައިންކޮށް ދެމުން އަންނަ ތަނެކެވެ.