ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އުފައްދަވާ އާ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ނަޝީދު އުފައްދާ ޕާޓީ ހަދަން ފޯމް ހުށަހަޅާފައިވަނީ މިމަހު 21 ވަނަ ދުވަހުއެވެ. ކޮމިޝަނުގެ ޖަލްސާއަކުން މިއަދު ނިންމައި، އެ ހުއްދަ ހަވާލުކުރަން ވަނީ ނިންމައިފައެވެ.

އާ ޕާޓީގައި، އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި 13 މެންބަރަކާއި އެސްތީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރުއާއި އެލްޖީއޭގެ ސީއީއޯއަކަށް ކުރިން ހުންނެވި އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފާއި، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި، މާލެ އާއި އަތޮޅު ތެރޭގައި ތިބި ނަޝީދަށް ތާއީދު ކުރާ އެ ޕާޓީގެ މެންބަރުން ހިމެނެއެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދުވެ ވެރިކަން ނިމުމާއެކު، ދެން އުފެދިގެން އައި ސަރުކާރުތަކުގެ ރިޔާސީ ޓިކެޓް ނަޝީދަށް ލިބިވަޑައިގެންފައެއް ނުވެއެވެ. 2012 ގެ ދައުރުގެ ބާކީ، އޭރުގެ ނައިބުރައީސް ޑރ. މުހައްމަދު ވަަހީދު ހަސަންމަނިކު ފުރުއްވުމަށް ފަހު ޖެހިގެން އައި 2014 ގެ ވެރިކަން ހޯއްދެވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. ޔާމީންގެ ދައުރަށް ފަހު 2018 ގައި އެމްޑީޕީއަށް ލިބުނު ެރިކަމުގެ ރިޔާސީ ޓިކެޓް ހޯއްދެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއެވެ. އެހާ ހިސާބުން ފެށިގެން، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ، ރާއްޖޭގައި ވެރިކަން ކުރާ ރިޔާސީ ނިޒާމު، ބަރުލަމާނީ ކޮށްލުމަށެވެ. އެކަންވެސް ކާމިޔާބުވެ ވަޑައި ނުގަތުމުން، އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ވީ ބައްޔެވެ. އެ ޕްރައިމަރީން އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު 24،566 ޔަގީން ކުރައްވިއެވެ. ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަ ކުރުމުގެ ހުރިހާ ފުރުސަތެއްހެން ރައީސް ނަޝީދަށް ބަންދުވެފައި ވާ ވަގުތެއްގައި މެއި 21 ގައި ހުށަހެޅި ޕާޓީ އަކީ އެމަނިކުފާނު ވެރިކަމަށް ނިކުމެވަޑައިގަތުމަށް އުފަން ކުރާ ޕާޓީއެކެވެ.

ރައީސް ނަޝީދު ފިކުރެއްގެ ދިރުން އުފައްދަވައިގެން، ވަކިން ވެރިކަމަށް ނިކުމެވަޑައިގަތުމުގެ ހިލާޔާއެކު މަސައްކަތް ކުރެއްވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު ކޯލިޝަނެއް ހައްދަވައިގެން ގާސިމްއަށް ތާއީދު ކުރައްވައިގެން ކުރިއަށް ވަޑައިގަތުމަށް ވެސް މަސައްކަތް ކުރެއްވިއެވެ. ގިނަ މަޝްވަރާތަކެއް ކުރައްވައިގެން ނަޝީދުގެ ހުރިހާ ހުށަހެޅުއްވުމަކަށް ގާސިމް އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.

'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން، ނަޝީދުގެ މައިގަނޑު ހުށަހެޅުއްވުމުގައި އޮތީ، ގާސިމަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް ހުވާ ކުރެއްވުމުގެ ކުރިން ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށްް ދިޔުމާއި، ގާއިސްގެ ސަރުކާރެއްގައި ފިކުރެއްގެ ދިރުމަށް 50 ޕަސެންޓް ދިނުމަށެވެ. ނަމަވެސް ފިކުރެއްގެ ދިރުމުގެ ފެކްޝަންގައި 5000 މެންބަރުންވެސް ހަމަ ނުވާކަން ގާސިމަށް އެނގިވަޑައިގެންފައި ވުމާއި ނިޒާމު ބަދަލު ކުރުމުގައި ގާސިމުގެ ހިޔާލު ތަފާތުވުމުން އާ ޕާޓީއެއް ވުޖޫދު ކުރައްވަން ނަޝީދު ނިންމަވައި އެމަގަށް މަސައްކަތް ފެއްޓެވީއެވެ.