ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފިއެވެ.
އީވާ ވަކިކުރަން އެމްޑީޕީއިން ނިންމީ އެ ޕާޓީއިން ވަކިވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އިސްވެ އުފެއްދި "ދަ ޑިމޮކްރެޓްސް" ގެ މަސައްކަތްތައް ކުރައްވަން ފެއްޓެވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުން ކަމަށްވާއިރު އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.
މީގެ ކުރިން އީވާ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މަގާމު ދިފާއު ކުރުމަށްޓަކައި ސިޔާސީ ބޮޑު ކަސްތޮޅެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އީވާ ހިމެނޭހެން އެމްޑީޕީގެ 12 މެންބަރަކު އެ ޕާޓީއިން ވަކިވެ ވަނީ އަލަށް އުފައްދާފައިވާ ސިޔާސީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އީވާގެ އިތުރުން ޗާގޯސްގެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލިހަށް ވައްދައިފައެވެ.