މާލޭ ފިހާރައަކުން ވައްކަންކުރި މީހަކު ހިފައްޓާ އާންމުންގެ ބަޔަކު އެމީހާގެ ގައިގައި ދަވާދުހާކައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން، އާންމުންގެ ބަޔަކު ވެގެން، ވައްކަން ކުރި މީހަކު ހިފަހައްޓާ، އޭނާގެ ހެދުން ބާލުވައި، ކުޑަކަކުލަށް ތިރިކޮށް އޭނާގެ މުޅި ގައިގައި ދަވާދު ހާކާ މަންޒަރު ފެނިގެންދެއެވެ. އަދި ދަވާދު ޓައްޕު އޭނާގެ ގަޔަށް އޮއްސައިލުމަށްފަހު އޭނާ ދޫކޮށްލާ މަންޒަރު ވެސް އެވީޑިއޯއިން ފެނިގެންދެއެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ، މާފަންނުގައި ހުރި ފިހާރައަކުން ވައްކަންކުރި މީހަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔަ އިރު އެމީހުން އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެސަރަހައްދުގެ ސީސީޓީވީ ފްޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ބެލެވޭ މީހާއާއި އޭނާއާ މެދު އެ އަމަލު ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީވެސް މިހާރު ކަންބޮޑުވާ ދަރަޖައަކަށް ހުރި މައްސަލަތަކެއް ނަމަވެސް އެކަން ކަމަށް ހައްލެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.